އާދީއްތަ ދުވަހު، ފަރަންސޭސިވިލާތުގެ ތޮމްބްލެއިންގައި މަތިންދާބޯޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް އެމަނުއެލް މެކްރޯން އަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސްގެ މެސެޖުގައި ވަނީ، މަތިންދާބޯޓުން ދަތުރުކުރި ހުރިހާ ފަޅުވެރިންނާއި ފަސިންޖަރުންގެ ފުރާނަ ގެއްލުނު މި ހިތާމަވެރި ހާދިސާގެ ޚަބަރު އަޑުއެއްސެވީ، ފުން ހިތާމައާ އެކުގައިކަން ހާމަކުރައްވާފައެވެ.
އަދި، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި އެމަނިކުފާނު ވަނީ، ފަރަންސޭސިވިލާތުގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށާއި، މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފާޅުކުރައްވާފައެވެ.
މީގެ އިތުރުން، ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ކުރިއަށްގެންދާ ތަޙުޤީޤުގައި ކާމިޔާބީ މިންވަރުކުރެއްވުމަށް، އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.




