ޕެސިފިކް ކަނޑުގެ ސަރަހައްދުގައި 'އެލްނީނޯ' އުފެދިފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުތަކުގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މިހާރު ހުރީ އާންމު މިންގަނޑަށްވުރެ މަތީގައި ކަމަށެވެ.
އާންމު ގޮތެއްގައި އެލްނީނޯގެ އަސަރުތައް 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މިކަން އަހަރުތަކަކަށް ދެމިގެންދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިއީ ވަކި ތަރުތީބަކުން އަންނަ ބަދަލެއް ނޫން ނަމަވެސް، ކޮންމެ 2 އަހަރާއި 7 އަހަރަކުން އެއްފަހަރު ދުނިޔެއަށް މި ބަދަލު އާދެއެވެ. އެލްނީނޯގެ ސަބަބުން ދުނިޔޭގެ މޫސުމަށާއި، ދިރޭތަކެތީގެ ނިޒާމަށާއި، އަދި އިޤްތިސާދަށްވެސް ބޮޑެތި އަސަރުތަކެއް ކުރެއެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި، އެލްނީނޯ ކުރިމަތިވާ އަހަރުތަކުގައި ރާއްޖެއަށް ވާރޭވެހޭ މިންވަރަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އެގޮތުން ބައެއް މަސްމަހު އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ ގިނައިން ވާރޭވެހޭއިރު، އަނެއްބައި މަސްމަހު ވާރޭވެހޭ މިންވަރު އާދަޔާ ހިލާފަށް މަދުވެއެވެ. މީގެ އިތުރުން، އެލްނީނޯގެ ބާރުމިނާއި އެކަން ދިމާވާ ދަނޑިވަޅުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރާ އަސަރުވެސް ތަފާތުވެދާނެއެވެ.
ރާއްޖޭގެ މޫސުމަށް ނުފޫޒު ފޯރުވަނީ ހަމައެކަނި "އެލްނީނޯ ސަދަން އޮސިލޭޝަން" އެކަނި ނޫންކަން މެޓް އޮފީހުން ފާހަގަކުރެއެވެ. މީގެ އިތުރުން އިންޑިއަން އޯޝަން ޑައިޕޯލް އަދި މެޑެން ޖޫލިއަން އޮސިލޭޝަން ފަދަ މޫސުމީ ކަންތައްތަކުންވެސް ރާއްޖެއަށް ވެހޭ ވާރޭގެ މިންވަރަށް އަސަރުކުރެއެވެ.
މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ، މޫސުމަށް މިއަންނަ ބަދަލުތައް އެ އިދާރާއިން ވަރަށް ގާތުން ބަލައި މޮނިޓަރ ކުރަމުންދާ ކަމަށެވެ.




