ބޯހިޔާވަހިކަމަށް ކުރިމަތިލީ ފާރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު މިއަހަރު ފަހުކޮޅު އިއުލާނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ސިލްސިލާކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއު ކުރިއަށްދާ ރަސްމާލޭގެ 60 އިންސައްތަ މިހާރު ހިއްކާ ނިމިފައިވާއިރު، ކަނޑައެޅި ތާރީހަށް މަސައްކަތް ކުރިއަށް ނުދިޔައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، މިހާރު އަލުން މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށާއި، ހަރަދު ކުޑަކުރުމަށް މަޖުބޫރުވުމުގެ ސަބަބުން ކުރިން ތިން ޑްރެޖަރު ބޭނުންކުރި ނަމަވެސް މިހާރު ބޭނުންކުރަނީ ދެ ޑްރެޖަރު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިފަދަ ދަތިތަކާއެކު ވެސް ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން ގޯތި ލިބޭ ފަރާތްތަކަށް އެކަން އަންގާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ހަވާލުކޮށްގެން އަޅަން ފަށާފައިވާ ފްލެޓްތަކުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2028 ވަނަ އަހަރުގެ މެއި ނުވަތަ ޖޫން މަހުގެ ތެރޭގައި އެ ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނަށް އަރުވާފައެވެ.
"ކުރީގަހެންނެއް ނުވާނެ! އެންމެ ގިނައިން ރިކުއެސްޓްތަށް އަންނާނީ މަޖިލިސް މެމްބަރުންނަށް. އެއްވެސް މަޖިލިސް މެމްބަރެއް މިހާރު ވިދާޅެއް ނުވާނެ ތިމަންނަމެންނަށް ފްލެޓް ދެވޭނެ އެކޭ. އެއްވެސް މިނިސްޓަރަކަށްވެސް، ރައީސް އޮފީހުގެ ބޭފުޅަކަށްވެސް ވިދާޅެއްނުވެވޭނެ. އެހެންނެއް ނޫން ކުރީގައި ކަންތައްތައް ހުރީކީ. މިހާރު އެމްޕީއަކު ކައިރިއަށް ފްލެޓްއަށް އެދިގެން ދިޔަޔަސް ފައިދާއެއް ނޯންނާނެ." ފްލެޓް ލިބޭނީ ހަމައެކަނި ހައްގުވެރިންނަށްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވިއެވެ.




