Saturday, November 14
ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލަ ހައްލުކުރަން އެމެރިކާ އާއި އީރާނަށް 60 ދުވަހުގެ މުހުލަތެއް

ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލަ ހައްލުކުރުމަށް އެމެރިކާ-އީރާން އެއްބަސްވުމުން 60 ދުވަހުގެ މުހުލަތެއް ދީފައިވާ ކަމަށް އޮމާންގައި ހުންނެވި އެމެރިކާގެ ކުރީގެ ސަފީރު ރިޗަޑް ޝްމިއަރާ ހާމަކުރައްވައިފިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު އެމްއޯޔޫ ގައި ބަޔާންކޮށްފައިވާ 60 ދުވަހުގެ މުހުލަތަކީ، ހޮރްމޫޒް ކަނޑުއޮޅީގެ މައްޗަށް ތެހެރާނުން ކުރާ ދައުވާތަކާއި، އުޅަނދުފަހަރުން ފީ ނެގުމަށް ކުރާ މަސައްކަތްތަކާ ގުޅިގެން އުފެދިފައިވާ ދެބަސްވުންތައް ހައްލުކުރުމަށް ދެ ފަރާތަށް ލިބޭ ފުރުސަތެކެވެ.

"މި 60 ދުވަހުގެ ތެރޭގައި ކުރިއަށްދާ މަޝްވަރާތަކުގައި، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ހާލަތު ސާފުކުރުމަށް މަސައްކަތް ކުރާނެ. އަދި އީރާނުން ނުވަތަ އެހެން ފަރާތަކުން ވިޔަސް، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހުރަސްއެޅުން މި އެއްބަސްވުމުގެ ދަށުން މަނާކުރޭ،" ކުރީގެ ޑިޕްލޮމެޓް ވިދާޅުވިއެވެ.

"އެހެންކަމުން ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި އެފަދަ މައްސަލައެއް ކުރިމަތިވެގެން ނުވާނެ. މި މުއްދަތުގައި މިނިވަންކަމާއެކު ދަތުރުފަތުރު ކުރެވެންވާނެ."

ނަމަވެސް، އެ މުއްދަތަށްފަހު، ކަނޑުމަގުން ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އީރާނާއި، އޮމާން އަދި ގަލްފުގެ އެހެން ގައުމުތަކާއެކު މަޝްވަރާތައް ބާއްވަން ޖެހޭނެ ކަމަށް ޝްމިއަރާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ޔަގީން އެމެރިކާގެ ވިސްނުމަކީ، އަދި ބައިނަލްއަގުވާމީ މުޖުތަމައުގެ ވިސްނުމަކީ ވެސް، ދަތުރުފަތުރު ކުރުމަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެ ކަމަށް. އަދި އިންޝުއަރެންސްގެ ޝަރުތުތަކެއް ނުވަތަ އެއްވެސް ކަހަލަ ފީއެއް ނެގިގެން ނުވާނެ ކަމަށް. އެކަމަކު ކޮންމެވެސް ކަހަލަ ސަލާމަތީ އިންތިޒާމެއް އޮންނަންޖެހޭނެ. މިކަމަށް އީރާނުން އެއްބަސްވާނެތޯ ނުވަތަ ނޫންތޯ ކުރިއަށް އޮތް ތަނުގައި ފެންނާނެ،" އޭނާ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު