Saturday, November 14
ސަޢޫދީ ހެލިކޮޕްޓަރު ވެއްޓި ދަތުރުކުރި އެންމެން މަރުވުމުން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ސަޢޫދީ ޢަރަބިއްޔާގެ އަރަމްކޯގެ ހެލިކޮޕްޓަރެއް ވެއްޓުމުގެ ހިތާމަވެރި ހާދިސާއާއި ގުޅިގެން އެޤައުމުގެ ވަލީޢަހުދު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސްގެ މެސެޖުގައި، އެތައް ބައެއްގެ ފުރާނަ ގެއްލުނު މި ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުވަނީ ދިވެހި ސަރުކާރާއި، ރައްޔިތުންނާ އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސަޢޫދީގެ ވަލީޢަހުދު އަދި ބޮޑުވަޒީރަށާއި، ސަރުކާރަށާއި އަޚުވަންތަ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވާފައިވެއެވެ. އަދި މި އުނދަގޫ ދަނޑިވަޅުގައި ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ތަޢުޒިޔާގެ މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ހާދިސާގައި ފުރާނަގެއްލުނު މީހުންގެ އާއިލާތަކުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، އެޢާއިލާތަކަށް މިކަމުން އަރައިގަތުމުގެ ހިތްވަރާއި ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވާފައެވެ.

ސަޢޫދީ އަރަބިއްޔާގެ އަރަމްކޯގައި 14 މީހުންނާއެކު ދަތުރުކުރަމުންދިޔަ މި ހެލިކޮޕްޓަރު ވެއްޓުނީ އިއްޔެ ސައުދީ ގަޑިން 6:00 ކަންހާއިރުއެވެ. މި ހާދިސާގައި ހެލިކޮޕްޓަރުން ދަތުރުކުރި އެންމެން ވަނީ ނިޔާވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު