ދިވެހިރާއްޖެއިން ސައުތު އެފްރިކާއަށް ކަނޑައަޅުއްވާފައިވާ އާ ނޮން-ރެޒިޑެންޓް ހައިކޮމިޝަނަރު ޑރ. ހާލާ ޙަމީދު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސައުތު އެފްރިކާގެ ރައީސް މަތަމެލާ ސިރިލް ރަމަފޯސާއަށް މިއަދު އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސައުތު އެފްރިކާގެ ޕްރިޓޯރިއާގައި ހުންނަ ސެފާކޯ މަކްގާތޯ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައެވެ.
ރަސްމިއްޔާތުގައި ހައިކޮމިޝަނަރު ޑރ. ހާލާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ރައީސް ރަމަފޯސާއަށް ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރެއްވިއެވެ. އަދި ރައީސް ރަމަފޯސާއަށް ދުޅަހެޔޮކަމާއި އުފާފާގަތިކަމަށް އެދިވަޑައިގެން، ސައުތު އެފްރިކާގެ ރައްޔިތުންނަށް ފާގަތިކަމަށް ވެސް އެކަމަނާ އެދިވަޑައިގެންނެވިއެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ހައިކޮމިޝަނަރު ދެއްވިއެވެ. އަދި ދެ ފަރާތަށް ފައިދާހުރި ދާއިރާތަކުން ގުޅުން ހަރުދަނާކުރުމަށް ސައުތު އެފްރިކާގެ ސަރުކާރާއެކު ގާތުން މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން ވެސް އެކަމަނާ ހާމަކުރެއްވިއެވެ.
ސައުތު އެފްރިކާއަށް ނޮން-ރެޒިޑެންޓް ހައިކޮމިޝަނަރަކު އައްޔަންކުރުމަކީ، އެފްރިކާ ބައްރުގައި ރާއްޖޭގެ ޚާރިޖީ ގުޅުންތައް ފުޅާކޮށް ބަދަހިކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތު ދައްކުވައިދޭ ކަމެއް ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
ރަސްމިއްޔާތުގައި ހައިކޮމިޝަނަރުގެ އަރިހުގައި ޚާރިޖީ ވުޒާރާގެ އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާޢު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޑރ. ހާލާ ޙަމީދު ނޮން-ރެޒިޑެންޓް ހައިކޮމިޝަނަރުގެ މަސްއޫލިއްޔަތުތައް އަދާކުރައްވާނީ މާލޭގައި ހުންނަވައިގެންނެވެ.






