މީހަކަށް އޮޅުވާލައިގެން ގެއަކަށް ގެންގޮސް، ރަހީނުކޮށް އަނިޔާކުރުމަށްފަހު ފޭރުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހަކު ކޯޓުން 15 ދުވަހަށް ބަންދުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ށ. ޅައިމަގު، އަތަމާގޭ، އުމުރުން 35 އަހަރުގެ ފާރިޝް ޢަލީ ޝަރީފް، ސ. ހިތަދޫ، ގަނޑުވަރު، އުމުރުން 30 އަހަރުގެ އައުސް ޢަލީ ހިލްމީ އަދި މއ. އިރާކުމާގޭ، އުމުރުން 33 އަހަރުގެ މުޙައްމަދު ނިޝާން ޖަލީލެވެ.
ބަންދު އަމުރާ ހަވާލާދީ މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ތިން މީހުން ވަނީ މީހަކަށް އޮޅުވާލައިގެން ގެއަކަށް ވައްދައި، ބިރުދައްކައި އަނިޔާކުރުމަށްފަހު އޭނާގެ އަތުގައި ހުރި ފައިސާއާއި ބައެއް ސާމާނު އަތުލާފައެވެ.
އަދި މި މީހުން ހައްޔަރުކުރި ކޮޓަރިން އަނިޔާ ލިބުނު މީހާގެ ފޯނާއި ގަޑި ފެނިފައިވެއެވެ.
ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފާރިޝް ބުނެފައިވަނީ، އެކަން ހިނގާފައިވަނީ އޭނާއަށް އެނގިގެން ނޫން ކަމަށެވެ.
އައުސް ކޯޓުގައި ބުނީ، ގަދަކަމުން އެއްވެސް މީހަކު އެ ގެއަށް ގެންގޮސްފައި ނުވާ ކަމަށާއި، އަނިޔާ ލިބުނު ކަމަށް ބުނާ މީހާ އެތަނަށް ދިޔައީ އަމިއްލަ ރުހުމުގައި ކަމަށެވެ. ކޮޓަރިން ފެނުނު ގަޑިއަކީ އޭނާއަށް ހަދިޔާއަކަށް ދިން ގަޑިއެއް ކަމަށް ވެސް އައުސް ބުނެފައިވެއެވެ.
ނިޝާން ކޯޓުގައި ބުނެފައިވަނީ، އެ މީހުން ކޮޓަރިއަށް އައިއިރު އޭނާ އޮތީ ނިދާފައި ކަމަށާއި، އެތަނުގައި ހިނގި އެއްވެސް ކަމެއް އޭނާއަށް ނޭނގޭ ކަމަށެވެ.






