ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި އަންނަ އަހަރު "ޑްރޯން އޭޒް" ފަސްޓް ރެސްޕޮންޑާ" ގެ ހިދުމަތް ތައާރަފްކުރަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތަށް އެންމެ ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކޮށް، ފެންވަރު ރަނގަޅުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި އަންނަ އަހަރު "ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑާ" ގެ ހިދުމަތް ތައާރަފްކުރަން ނިންމާފައިވާ ކަމަށެވެ. މި ހިދުމަތާއެކު މައްސަލައެއް ރިޕޯޓު ކުރުމުން ވަގުތުން ޑްރޯން ޑިޕްލޮއިކުރެވި، އެއްގަމާއި ކަނޑުމަގުން ފުލުހުންނަށް ދިއުން ލަސްވާ ހާލަތްތަކުގައި ވެސް ތަނުގެ ހާލަތު ކޮމާންޑް ސެންޓަރަށާއި އޮފިސަރުންނަށް ވީޑިއޯ މެދުވެރިކޮށް ވަގުތުން ފެންނާނެ ކަމަށެވެ.
މީގެ އިތުރުން ފުލުހުންގެ 911 ރެސްޕޮންސް ސެންޓަރުގެ ގާބިލްކަން އިތުރުކޮށް، އެހީއަށް އެދޭ ފަރާތްތަކުގެ ލޮކޭޝަން ވަގުތުން ދެނެގަނެވޭނެ ގޮތަށް ސިސްޓަމްތައް އަޕްގްރޭޑް ކުރަމުންދާއިރު، ފުލުހުންގެ ޓެކްނޮލޮޖީ ހޯސްޓްކުރާނެ ޒަމާނީ ޑޭޓާ ސެންޓަރެއްގެ އަމަލީ މަސައްކަތް ވެސް މިހާރު ވަނީ ފެށިފައެވެ. އަދި ފުލުހުންގެ 93 އަހަރުވީ ތާރީހުގައި ހިންގާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ މަޝްރޫއުގެ ދަށުން މި ދައުރު ނިމުމުގެ ކުރިން ފުލުހުން ގާއިމުވެ ތިބޭ ހުރިހާ ރަށެއްގައި އެކަށީގެންވާ މަރުކަޒުތައް ބިނާކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކުށްމަދުކުރުމުގެ ދާއިރާއިން ވާހަކަ ދައްކަވަމުން އިހުސާން ފާހަގަކުރެއްވީ ރަށުތެރޭގައި ގޭންގުތަކުގެ ހަރަކާތްތައް މިހާރު ބޮޑުތަނުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތް އަހަރުގެ އަމާޒަކީ އެފަދަ ކުދިން މުޖުތަމައުއަށް އަލުން އަބުރުވެރިކަމާއެކު ނެރުން ކަމަށެވެ. ހަމައެހެންމެ، ކުރިއަށް އޮތް އަހަރަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ބަޔޯމެޓްރިކްސް ނުދީ ފިލައިގެން އުޅޭ 2,000 އެއްހާ ބިދޭސީން ހޯދައި ޑީޕޯޓްކުރުމުގެ ހާއްސަ މަސައްކަތްތަކެއް ކުރެވި، ޓެކްނޮލޮޖީގެ އެހީގައި ފުލުހުންގެ ހަރަކާތްތެރިވުން އިތުރުވެގެންދާނެ "ރަން އަހަރަކަށް" ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




