Wednesday, October 21
ފުލުހުންގެ 93 ވަނަ އަހަރީ ޖަލްސާ ރައީސް މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފި
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއްވި ގޮތުގައި، އެ މުއައްސަސާގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ މާލޭ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޝަރަފުވެރިކޮށްދެއްވައިފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ ދެކަނބަލުންގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދައުވަތު އެރުވުނު ޢިއްޒަތްތެރިންނާއި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، ކޮމިޝަންޑް އަދި ނަން-ކޮމިޝަންޑް އޮފިސަރުންގެ އިތުރުން އާންމު މުވައްޒަފުން މި ރަސްމިއްޔާތުގައި ބައިވެރިވިކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކުރިއެވެ. ރައީސުލްޖުމްހޫރިއްޔާ ޖަލްސާއަށް ވަޑައިގަތުމުން ފުލުހުންގެ ފަރާތުން އެ މަނިކުފާނަށް އޮނަގާޑެއް އަރުވާފައިވާއިރު، ޖަލްސާ ފެށުނީ ކީރިތި ޤުރުއާނުގެ ބަރަކާތުންނާއި ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ފާހަގަކުރި ގޮތުގައި، މި ރަސްމިއްޔާތުގެ ތެރެއިން މުއައްސަސާއަށް ރީތި ނަން ހޯދައިދިން 7 މުވައްޒަފަކަށް "ޕްރައިޑް އެންޑް މެރިޓް އެވޯޑް" އަރުވާފައިވެއެވެ. އަދި ފުލުހުންގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން އާންމު 20 ފަރާތަކަށާއި މުއައްސަސާއަކަށް ހަނދާނީ އައްޑަނައާއި، ހަނދާނީ ރަން ފިލާ އަދި ހަނދާނީ ފިލާ ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ކުލަ ހާސިލުކުރި 20 ފުލުހަކަށް ކުލަ އަދި ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ހާސިލުކުރި 7 ފުލުހަކަށް މެޑަލް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުންނެވެ.

މި ޖަލްސާގައި 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ފުލުހުންގެ ޚިދުމަތުގައި ނަމޫނާ ދެއްކެވި ދެ ބޭފުޅެއްގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައިވާކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތުދެއެވެ. އެއީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނަޞީރު އިބްރާހީމާއި، ޕޮލިސް ސަރވިސް އެޑްމިނިސްޓްރޭޝަން ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަރީފެވެ. ހަމައެއާއެކު، ގައުމަށާއި ފުލުހުންގެ ޚިދުމަތަށް އިޚްލާޞްތެރި އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކުރެއްވި ތިން ބޭފުޅެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް ހާއްސަ ހަނދާނީ ފިލާ އަރުވާފައިވެއެވެ. އެއީ ރިޓަޔާޑް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލްމަރުޙޫމް ޢަބްދުއްޝަކޫރު ޢަބްދުއްލާ އާއި، ކައުންސެލް ޖެނެރަލް އަލްމަރުޙޫމް އަލްއުސްތާޛު ޙަސަން ޙަމީދުގެ އިތުރުން ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އިބްރާހީމް ލަޠީފެވެ.

ފުލުހުންގެ ޚިދުމަތާ ގުޅޭ ޚާއްސަ ވީޑިއޯއެއްވެސް ދެއްކި މި ޖަލްސާ ނިންމާލާފައިވަނީ ޤައުމީ ސަލާމް ކިޔުމާއި ދިދަ ބޭލުމުގެ ރަސްމިއްޔާތުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު