Wednesday, October 21
ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ބަލާ ގަވާއިދަށް އަމަލުކުރަން ފަށައިފި
ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ބަލައި، އެކަމާ ގުޅޭ ތަފާސްހިސާބުތައް އެއްކޮށް ބެލެހެއްޓުމާ ބެހޭ އާ ގަވާއިދެއް އެކުލަވައިލައި އިއްޔެއިން ފެށިގެން އަމަލުކުރަން ފަށައިފިއެވެ. "ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާ ގުޅޭ ގަވާއިދު" ގެ ނަމުގައި އާންމުކުރި މި ގަވާއިދަކީ، ކްލައިމެޓް އިމަޖެންސީ ގާނޫނުގެ 22 ވަނަ މާއްދާއާއި 25 ވަނަ މާއްދާއިން ބާރުލިބިގެން ހަދާފައިވާ ގަވާއިދެކެވެ.

މި ގަވާއިދުގެ މައިގަނޑު އަމާޒަކީ ރާއްޖެއިން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު ސައްހަގޮތުގައި ދަފުތަރުކޮށް ބެލެހެއްޓުމެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ މޫސުމީ މުއާހަދާތަކުގެ ދަށުން ރާއްޖެއިން ހުށަހަޅަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމަށް ބޭނުންވާ ޑޭޓާ އެއްކޮށް، ސަރުކާރުގެ އެކި އިދާރާތަކުގެ މެދުގައި އެ މައުލޫމާތު ފަސޭހައިން ހިއްސާކުރެވޭނެ ނިޒާމެއް ގާއިމުކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

މި ގަވާއިދު ތަންފީޒުކޮށް ވިލަރެސްކުރުމުގެ އެންމެހާ ޒިންމާތައް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް, އެންވަޔަރަންމަންޓް އެންޑް އެނަޖީއަށް ލާޒިމުކޮށްފައިވާއިރު، ވިހަ ގޭހާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭންޖެހޭ "މަސްލަހަތުވެރިން" ގެ ގޮތުގައި ގިނަ އިދާރާތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިތުރުން ފަތުރުވެރިކަން ކުރާ ރިޒޯޓްތަކާއި ސިނާއީ މަސައްކަތްތައް ކުރާ ފަރާތްތައް ހިމެނެއެވެ.

ގަވާއިދުގައިވާ ގޮތުން، މައުލޫމާތު ހިއްސާކުރުމަށްޓަކައި ކޮންމެ އިދާރާއަކުންވެސް ހާއްސަ "ފޯކަލް ޕޮއިންޓެއް" ކަނޑައަޅަންޖެހޭނެއެވެ. އަދި ހުށަހަޅާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރާނެ އަމިއްލަ ނިޒާމެއް އެ ތަނެއްގައި އޮންނަންވާނެއެވެ. އެންވަޔަރުމެންޓް މިނިސްޓްރީގެ ޒިންމާތަކުގެ ތެރޭގައި، މައުލޫމާތުގެ ފެންވަރު ހިފެހެއްޓުމަށް އިރުޝާދުދިނުމާއި ސެކްޓޯރަލް ވޯކިން ގްރޫޕްތައް އުފެއްދުން ހިމެނެއެވެ. މީގެ އިތުރުން، މަސްލަހަތުވެރިން ހިއްސާކުރާ ސިއްރު މައުލޫމާތުތަކުގެ ރައްކާތެރިކަން ހިފެހެއްޓުމަށާއި، އެ ހުރިހާ ޑޭޓާއެއް މަދުވެގެން ފަސް އަހަރުގެ މުއްދަތަށް ރައްކާކޮށްފައި ބެހެއްޓުމަށްވެސް ގަވާއިދުން ވަނީ މަޖުބޫރުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު