ކުރިން ދެ ފަހަރަކު ލަސްވުމަށްފަހު، މިހާރު ގޭމް ރަސްމީކޮށް ނެރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 19 ގައެވެ. އަދި ޕްރީ-އޯޑަރު ކުރާ ފަރާތްތަކަށް ނޮވެމްބަރު 12 އިން ފެށިގެން ގޭމް ޕްރީ-ލޯޑް ކުރެވޭނެއެވެ. މި ގޭމް ނެރެން ހަމަޖެހިފައިވަނީ ޕްލޭސްޓޭޝަން 5 އަދި އެކްސްބޮކްސް ސީރީޒް X/S އަށެވެ. ނަމަވެސް ޕީސީ ނުވަތަ ނިންޓެންޑޯ ސުވިޗް 2 އަށް ނެރޭނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އާދައިގެ އެޑިޝަނެއްގެ އަގަކީ 79.99 ޑޮލަރެވެ. އަދި އިތުރު ސާމާނު ހިމެނޭ "އަލްޓިމެޓް އެޑިޝަން" އެއް 99.99 ޑޮލަރަށް ލިބެން ހުންނާނެއެވެ. ފިޒިކަލްކޮށް ގަންނަން ލބޭ ފޮށީގައި ޑިސްކުގެ ބަދަލުގައި އިންނާނީ ޑިޖިޓަލް ޑައުންލޯޑް ކޯޑެކެވެ.
މި ފަހަރުގެ ގޭމް ސެޓްކޮށްފައިވަނީ ފްލޮރިޑާ އަސްލަކަށް ބަލައިގެން ހަދާފައިވާ ހިޔާލީ ސްޓޭޓެއް ކަމަށްވާ "ލިއޮނިޑާ" ގައެވެ. އަދި ގޭމްގެ މައިގަނޑު ސިޓީއަކަށް ވާނީ ކުރީގެ ގޭމްތަކުން ފެނުނު މަގުބޫލު "ވައިސް ސިޓީ" އެވެ. ގޭމްގެ ވާހަކަ ބިނާވެގެންވަނީ ލޫސިއާ (ޖީޓީއޭގެ ފުރަތަމަ އަންހެން މައި ކެރެކްޓަރު) އާއި އޭނާގެ ބައިވެރިޔާ ޖޭސަންގެ މައްޗަށެވެ. މި ދެމީހުން އެކުވެގެން ހިންގާ ޖަރީމާތަކެއްގެ ތެރެއިން ފަސޭހަ ވައްކަމެއް ނާކާމިޔާބުވުމުން ދިމާވާ ހާދިސާތަކެއް ގޭމްއިން ފެނިގެންދާނެއެވެ.






