Wednesday, October 21
ލ. އަތޮޅުގެ ދެވަނަ އެއާޕޯޓް އަޅަން ސަރުކާރުން ނިންމައިފި
ލ. އަތޮޅުގައި ސަރުކާރުން ގާއިމުކުރުމަށް ކަނޑައަޅާފައިވާ ދެވަނަ އެއާޕޯޓް އެ އަތޮޅު އިސްދޫ-ކަލައިދޫގައި އެޅުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. ހައްދުންމަތީގައި އިތުރު އެއާޕޯޓެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެއާޕޯޓު އަޅާނެ ވަކި ރަށެއް މީގެ ކުރިން ނިންމަވާފައި ނުވާއިރު، އިސްދޫ-ކަލައިދޫގެ އިތުރުން ލ. މާވަށާއި ލ. ހިތަދޫން ވެސް ވަނީ އެއާޕޯޓު އެޅުމަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައެވެ.

މިހާރު ލ. ކައްދޫގައި އެއާޕޯޓެއް އޮތް ނަމަވެސް، ހައުސިން މިނިސްޓްރީން މިއަދު އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، ލ. އަތޮޅުގެ ރައްޔިތުން މިވަގުތު އެންމެ ބޭނުންވަނީ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުޅާކޮށް ދެވަނަ އެއާޕޯޓެއް ތަރައްގީކުރުމަށެވެ. އެގޮތުން އަތޮޅުގެ އެންމެ އުތުރުން ބިމުގެ ގޮތުން ބޮޑު އަދި އާބާދީ އެއްފަސްކުރުމުގެ ފުރުސަތު އޮތް އިސްދޫ-ކަލައިދޫގައި އެއާޕޯޓް އެޅުމަށް ނިންމީ އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ ފުރުސަތުތައް ހޯދައިދީ، އިގްތިސާދު ވަރުގަދަކުރުމުގެ މަގްސަދުގައެވެ.

އިސްދޫ-ކަލައިދޫން މިހާރު ކައްދޫ އެއާޕޯޓަށް ދިއުމަށް 45 މިނެޓު ހޭދަވާއިރު، އާ އެއާޕޯޓާއެކު އެ ރަށުގެ އިތުރުން ލ. ދަނބިދޫ އާއި ލ. މާބައިދޫގެ ރައްޔިތުންނަށް ވެސް ދަތުރުފަތުރުގެ ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.

މިދިޔަ އޮކްޓޯބަރު މަހު ރައީސް ޑރ. މުއިއްޒު އިސްދޫ-ކަލައިދޫއަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވެފައިވަނީ، އެ ރަށުގައި އެއާޕޯޓު އަޅާނަމަ އިތުރަށް ބިން ހިއްކަން ނުޖެހި އެކަން ކުރެވޭނެ ޖާގަ އެބައޮތް ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން، އަތޮޅުގެ ރައްޔިތުންނަށް އެންމެ ބޮޑު ނަފާއެއް ކުރާނެ ފަދަ ލޮކޭޝަނެއްގައި އެއާޕޯޓު ބިނާކުރުން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު