ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ބޭންކުތައް މެދުވެރިކޮށް ވިޔަފާރިތަކަށާއި އާންމުންނަށް ވިއްކި ބޭރު ފައިސާގެ އަދަދު ވަނީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 72 އިންސައްތަ އިތުރުވެފައެވެ. ބޭރު ފައިސާގެ ބޭނުން އެންމެ ބޮޑަށް އިތުރުވެފައިވަނީ ބޭސްފަރުވާއަށާއި ތައުލީމަށް ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކަށެވެ. އެގޮތުން މި ދާއިރާތަކަށް ވިއްކި ބޭރު ފައިސާގެ މިންވަރު ވަނީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 78 އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރުން، ރާއްޖެއަށް ކޮންމެހެން ބޭނުންވާ ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭހުގެ އިތުރުން މެޑިކަލް އިކުއިޕްމަންޓް އެތެރެކުރުމަށްޓަކައި އެމްއެމްއޭއިން ވިއްކި ބޭރު ފައިސާގެ އަދަދު ވެސް ވަނީ މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު 30 އިންސައްތަ އިތުރުވެފައެވެ.
ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެމްއެމްއޭއިން ވަނީ ބޭރު ފައިސާގެ މާކެޓް ހަރުދަނާކުރުމަށް ގިނަ އިސްލާހީ މަސައްކަތްތަކެއް ކޮށްފައެވެ. މީގެ ތެރޭގައި ބޭރު ފައިސާގެ ގާނޫނު ތަންފީޒުކުރުމާއި، ގަވާއިދުތަކަށް ގެނެވުނު ބަދަލުތަކުގެ އިތުރުން، ބޭރު ފައިސާ މެނޭޖްކުރުން ހަރުދަނާކޮށް، އެންމެ އިސްކަންދޭންޖެހޭ ކަންކަމަށް ފައިސާ ހޯދައިދިނުމަށް ބޭންކުތަކާއެކު ކުރެވޭ މަސައްކަތްތައް ހިމެނެއެވެ. މަރުކަޒީ ބޭންކުގެ މި ނިންމުމާއެކު، ފަތުރުވެރިކަން ދަށްވާ ދުވަސްވަރު ބޭންކުތަކުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ޑޮލަރުގެ ތާށިކަމަށް ބޮޑު ލުޔެއް ލިބޭނެއެވެ.






