Saturday, November 14
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާ ފީއަށް ބީއެމްއެލްއިން ބޮޑު ލުޔެއް!

ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ހުރިހާ ދަރިވަރުންނަށް، އެ ދަރިވަރުންގެ ވިސާ ފައިސާ ދެއްކުމަށް ބޭނުންވާ ބޭރު ފައިސާގެ ލިމިޓް ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.

މިއީ ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދިމާވާ މާލީ ހުރަސްތައް ނައްތާލުމަށް ބޭންކުން އެޅި މުހިންމު ފިޔަވަޅެކެވެ.

ބީއެމްއެލްގެ ތަރުޖަމާން މުހައްމަދު ސައީދު މިއަދު އެކްސް (X) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީގެ ކުރިން ދަރިވަރުންނަށް ވިސާ ފައިސާ ދެއްކުމަށް ކާޑު ލިމިޓް ދެމުން އައީ "ކޭސްބައި ކޭސް" އުސޫލުން ކޮންމެ މައްސަލައަކަށް ވަކިވަކިން ބެލުމަށްފަހު ކަމަށެވެ. ނަމަވެސް، މިއަދުން ފެށިގެން އެ އުސޫލު ބަދަލުކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެހީތެރިކަމާއެކު ހުރިހާ ދަރިވަރުންނަށްވެސް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ، ބޭންކަށް ރަސްމީކޮށް އެދި ހުށަހެޅުމުން ހުރިހާ ދަރިވަރުންނަށްވެސް ވިސާ އަށް ފައިސާ ދެއްކުމަށް ބޭނުންވާ ކާޑު ލިމިޓް ދޫކުރަމުންދާނެ ކަމަށެވެ. ބޭރުގައި ކިޔަވާ ދަރިވަރުންގެ ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ޚަރަދުތައް ފަސޭހަކަމާއެކު ހަމަޖެއްސޭނެ ގޮތް ހެދުމަށް ބީއެމްއެލްއިން އަންނަނީ ގިނަ އެހީތަކެއް ވަމުންނެވެ. އެގޮތުން މިހާރުވެސް ދަރިވަރުންނަށް ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމަށް ރުފިޔާ ކާޑަށް މަހެއްގެ މައްޗަށް 1،200 ޑޮލަރުގެ ލިމިޓެއް ބޭންކުން ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ދަރިވަރުންގެ ނުވަތަ ބެލެނިވެރިޔާގެ ރުފިޔާ އެކައުންޓުން ޓިއުޝަން ފީ އާއި ތަޢުލީމާ ގުޅުންހުރި އެހެނިހެން ޚަރަދުތަކަށް ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. ހަމައެހެންމެ، ހަޔަރ އެޑިއުކޭޝަނުން ކަނޑައަޅާފައިވާ ސްޓައިޕެންޑް އުސޫލުގެ ދަށުން، ދަރިވަރުން ރާއްޖެއިން ބޭރުގައި ބޭނުންކުރާ އެކައުންޓްތަކަށް ރުފިޔާ އެކައުންޓުން ފައިސާ ލިބޭނެ މަގުވެސް ބީއެމްއެލްއިން ވަނީ ފަހިކޮށްދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު