Saturday, November 14
ވެނެޒުއެލާއަށް އައި ބާރުގަދަ ބިންހެލުންތަކެއްގައި 32 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަޚަމްވެއްޖެ
ވެނެޒުއޭލާއަށް ޖެހިޖެހިގެން އައި ބާރުގަދަ ދެ ބިންހެލުމެއްގައި ވެރިރަށް ކަރާކަސްގެ ބައެއް އިމާރާތްތައް ވެއްޓި، އެތައް ހާސް ބަޔަކު މަރުވެފައިވާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން އެގައުމުގެ އެކްޓިންގ ޕްރެޒިޑެންޓް ޑެލްސީ ރޮޑްރިގޭޒް ވަނީ މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވާފައެވެ. އަދި ބިންހެލުމުގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ކަރާކަސްގައި ހުންނަ ސައިމަން ބޮލިވާ އިންޓަނޭޝަނަލް އެއާޕޯޓު ބަންދުކޮށްފައިވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ވެނެޒުއެލާގައި ކުއްލި ހާލަތްތަކުގައި އެހީތެރިވާ ފަރާތްތަކުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ
ޔޫ.އެސް ޖިއޮލޮޖިކަލް ސަވޭ (ޔޫއެސްޖީއެސް) އިން ހާމަކޮށްފައިވާ ގޮތުގައި، ފުރަތަމަ އައީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. މި ބިންހެލުން އައީ ކަރާކަސްއާ 168 ކިލޯމީޓަރު (104 މޭލު) ހުޅަނގުން، މޮރޮންގެ ހުޅަނގު ސަރަހައްދަށެވެ. އަދި އޭގެ އެންމެ މިނެޓެއް ފަހުން، އެ ސަރަހައްދަށް 7.5 މެގްނިޓިއުޑްގެ ދެވަނަ ބިންހެލުމެއް ވަނީ އައިސްފައެވެ. ޔޫއެސްޖީއެސްއިން އިންޒާރު ދީފައިވާ ގޮތުގައި މި ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުން އެކަށީގެންވެއެވެ. އަދި މި ކާރިސާގެ އަސަރު ވަރަށް ފުޅާދާއިރާއެއްގައި ގައުމަށް ކުރާނެ ކަމަށް ލަފާކުރެވެއެވެ. އެކްޓިންގ ޕްރެޒިޑެންޓް ރޮޑްރިގޭޒް އެކަމަނާގެ ރަސްމީ "އެކްސް" އެކައުންޓުގައި ކުރެއްވި އެންމެ ފަހުގެ މެސެޖެއްގައި ވިދާޅުވީ، މިއަދު އޮތް އެންމެ މުހިންމު އަދި އަސާސީ ލަނޑުދަނޑިއަކީ ގައުމީ އެއްބައިވަންތަކަމާއެކު އިންސާނީ ފުރާނަތައް ސަލާމަތްކުރުން ކަމަށާއި، އެންމެން ގުޅިގެން މި ހިތާމަވެރި ހާދިސާއިން އަރައިގަންނާނެ ކަމަށެވެ. ލާ ގުއައިރާ ސަރަހައްދުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން އެކަމަނާ އިތުރަށް ދެއްވި ތަފްސީލުތަކުގައި ވިދާޅުވީ، މިހާތަނަށް 32 މީހަކު މަރުވެފައިވާކަމުގެ ރިޕޯޓު ލިބިފައިވީ ނަމަވެސް، މީގެ ތެރޭގައި އެންމެ ބޮޑަށް އަސަރުކޮށްފައިވާ ލާ ގުއައިރާ ސްޓޭޓުން އަދި ލިބެން އޮތް ރަސްމީ އަދަދުތައް ހިމެނިފައިނުވާ ކަމަށެވެ. ބިންހެލުމުގެ ސަބަބުން އަނިޔާވި މަދުވެގެން 700 އެއްހާ މީހުން މިހާރު ވަނީ ސަރުކާރާއި އަމިއްލަ ހޮސްޕިޓަލްތަކުގެ އިމަޖެންސީ ރޫމްތަކަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
އަޅުގަނޑު ދަންނަވަން ޖެހެނީ، މިއިންޒަމާނަކު ނުދެކޭފަދަ ބާރުގަދަ ބިންހެލުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ލާ ގުއައިރާ ސްޓޭޓަށް ކަމަށް. އެ ސަރަހައްދުން އެތައް ދިހަ އިމާރާތެއް ވަނީ ބިމާހަމަވެފައި. އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމަށްޓަކައި ވަރަށް ވަރުގަދަ އަދި އުނދަގޫ ރެސްކިއު އޮޕަރޭޝަނެއް މިހާރު ދަނީ ހިންގަމުން،" ރޮޑްރިގޭޒް ވިދާޅުވިއެވެ.
އެކަމަނާ ވަނީ މިއީ ގައުމަށް ކުރިމަތިވި ހަގީގީ ހިތާމަވެރި ޓްރެޖެޑީއެއްގެ ގޮތުގައި ސިފަކުރައްވައި، ކާރިސާގައި އާއިލާގެ މެންބަރުންނާއި ލޯބިވާ ފަރާތްތައް ވަކިވެދިޔަ ހުރިހާ އާއިލާތަކަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު