Saturday, November 14
ދެ ޕާޓީގެ ކޯޅުން: ފަލާހު ވިދާޅުވަނީ އެމްޑީޕީއަކީ ކޮށްދޭ ހެޔޮކަންނުފެންނަބައެއް ކަމަށް!
އެމްޑީޕީއަކީ ކޮށްދޭ ހެޔޮކަންނުފެންނަބައެއް ކަމަށާއި ގަދަބާރުން ކަންކަން ކުރަންނޫޅެ ޤާނޫނާއި ޤަވައިދުގެ ތެރޭގައި އުޅެން އދަސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް އެމްޑީޕީއަށް ގޮވާލައިފިއެވެ. އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ އިހުތިޖާޖުކޮށް ހަމަނުޖެހުން ހިންގާފައެވެ. އެހެންވެ އެ ޕާޓީގެ ނުވަ މެމްބަރެއްގެ ނަން އިއްވާ މަޖިލިސް ތަޅުމުން ވަނީ ބޭރުކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގައި އިހުތިޖާޖުކުރީ ވެރިކަންކުރާ ޕީއެންސީން ދިން ކޮމިޓީއެއްގައި، ދިން މިންވަރަކަށް ތިބެންޖެހޭނެ ކަމަށް ބޭއަދަބީކޮށް އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވުމާ ގުޅިގެން ކަމަށާއި، މެންބަރުން ތަޅުމުން ނެރުނީ އެހެންވެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އެމްޑީޕީން އެދެނީ އެ ޕާޓީގެ މެންބަރުން އެންމެ މަދުން ތިބި ކޮމިޓީތަކުގެ ތެރެއިން ދެ ކޮމިޓީއަކުން ޖާގަ ދިނުމަށާއި އަދި ޕީއެންސީން ބޭނުންވަނީ އެންމެ މަދުން މަސައްކަތްކުރާ ކޮމިޓީތައް ކަމަށްވާ ޕެޓިޝަން ކޮމިޓީއާއި އިމްތިޔާޒާއި ސުލޫކު ކޮމިޓީ ފަދަ ކޮމިޓީތަކުން ޖާގަ ދިނުމަށް ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވަނީ ވިދާޅުވެފައެވެ. އަދި މައިނޯރިޓީއެއް ގޮތުގައި މަސައްކަތްކުރާއިރު އެ ފުރުސަތު އެމްޑީޕީއަށް ބޭނުންވާނެ ކަމާއި، ކޮމިޓީތަކުން އިތުރަށް ޖާގަ ދީގެން ޕީއެންސީއަށް ވާނެ ގެއްލުމެއް ނޯންނާނެކަން ނާޒިލް ފާހަގަކުރެއްވިއެވެ. އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް ގެ މި ޝަކުވާތަކަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގައި ފަލާހު ވިދާޅުވީ މިހާރުވެސް މަޖިލީހުގައި ޕާޓީތަކަށް ލިބިފައިވާ ގޮނޑީގެ އަދަދަށް ބަލާއިރު މަޖިލިސް ޤަވައިދުގައި ކޮމިޓީތަކުން އެމްޑީޕީއަށް ލިބޭމިންވަރަށްވުރެ އޯގާތެރިކޮށް ހުރިހާކަމެއް ކޮށްދީފައިވާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީއަކީ ކޮށްދޭ ހެޔޮކަންނުފެންނަބައެއްކަން ފާހަގަކޮށް ގަދަބާރުންކަންކަން ކުރަންނޫޅެ ޤާނޫނާއި ޤަވައިދުގެ ތެރޭގައި އުޅުމަށް ވަނީ ގޮވާލައްވާފައެވެ.   ފަލާހުގެ މި ވާހަކަފުޅަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަނީ އެއްބަސްވެވަޑައިގެން ޓުވީޓު ކުރައްވާފައެވެ. އަޒާން ވަނީ މިވަގުތު އެމްޑީޕީގެ މެމްބަރުންގެ އަދަދުތަކާއި ކޮމިޓީތަކުން ޖާގާ ދީފައިވާ އަދަދުތަށް ހިއްސާ ކުރައްވާފައެވެ. އަޒާން ވިދާޅުވީ އެމްޑީޕީ މެމްބަރުން މަޖިލީހުގައި ތިއްބެވި އަދަދަށް ބަލާއިރު އެމްޑީޕީއަށް ދޭން ޖެހޭނީ އެންމެ ޖާގައެއް ކަމަށެވެ. 19 ވަނަ މަޖިލީހުގައި ޕީޕީއެމް/ޕީއެންސީގެ 8 މެމްބަރުން ތިއްބެވިއިރު އެއީ އެ މަޖިލީހުގެ 10 އިންސައްތަ ކަމަށްވީނަމަވެސް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެ އޭރުގެެ އިދިކޮޅަށް ކޮމިޓީތަކުން ދީފައިވަނީ ކޮމިޓީތަކުގެ އެންމެ އަށް އިންސައްތަ ކަމަށެވެ. މެމްބަރު އަޒާން ވަނީ އެމްޑީޕީން މަޖިލީހުގައި އިހުތިޖާޖު ކުރަނީ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އަޅަންވެގެންކަމަށްވިދާޅުވެފެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު