ހުޅުމާލޭ ކޮމިއުނިޓީ އެލައެންސް (އެޗްސީއޭ) ގެ ފަރާތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވުމަށް ހަމަޖެހިފައިވާ "އެއްސީއޭ ކޮމިއުނިޓީ މެޑިކަލް ކޭމްޕް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ކުލިނިކްތަކާއި، ހޮސްޕިޓަލްތަކުގެ އިތުރުން ނަފްސާނީ ބަލިތަކުގެ ފަރުވާދޭ ސްޕެޝަލިސްޓުންނަށް ހުޅުވާލައިފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު 3 ސަރަހައްދުގައި ބޭއްވުމަށް ނިންމާފައިވާ މި ކޭމްޕުގައި ބައިވެރިވާން ބޭނުންވާ ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް ކުރިއަށް އޮތް ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު އޮންނާނެ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެއެވެ. މި ހަރަކާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެޗްސީއޭގެ އީމެއިލް އެޑްރެސް [email protected] އަށް ނުވަތަ 7954035 އަށް ގުޅުއްވުމަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.

މި އަހަރުގެ މެޑިކަލް ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ 9 އަދި 10 ވަނަ ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 22:30 އަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގައެވެ. އާންމުންނަށް ހުޅުވާލައިގެން ބާއްވާ މި ކޭމްޕް އޮންނަ ސަރަހައްދަށް ވަނުމާއި ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތްތައް މުޅިން ހިލޭ ލިބިގެންދާނެއެވެ. ތަފާތު އެކި ދާއިރާތަކުގެ ސްޕެޝަލިސްޓު ޑޮކްޓަރުން ބައިވެރިވެވަޑައިގަންނަވާ މި ކޭމްޕުގައި ޑޮކްޓަރަށް ދައްކާލެވޭނެ ހާއްސަ ދާއިރާތަކާއި އިތުރު ތަފްސީލުތައް ޖުލައި 31 ގެ ފަހުން އިއުލާންކުރާނެ ކަމަށް އެޗްސީއޭއިން ބުނެއެވެ.
ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުން އެޗްސީއޭއިން ކުރަމުންދާ މި ބޮޑު ހަރަކާތަށް ގިނަ ބައެއްގެ އެހީތެރިކަން ބޭނުންވާތީ، ކޭމްޕް ކުރިއަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ސްޕޮންސާކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން މި ހަރަކާތުގެ މީޑިއާ ޕާޓްނަރުންނަށް ވާން ބޭނުންވާ މީޑިއާތަކަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިދިޔަ އަހަރު ވެސް އެ ޖަމިއްޔާއިން ވަނީ ކާމިޔާބު މެޑިކަލް ކޭމްޕެއް އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައެވެ. އެ ފަހަރުގެ ކޭމްޕުގައި 15 ކުލިނިކަކާއި 3 ހޮސްޕިޓަލަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލާއި އައިކެއާ ހޮސްޕިޓަލް ހިމެނެއެވެ. އާންމު ބަލިތަކާއި، ހަމުގެ ބަލިތަކުގެ އިތުރުން ދަތުގެ ޚިދުމަތްތައް ހިމެނުނު އެ ކޭމްޕުން 6،000 އަށްވުރެ ގިނަ ރައްޔިތުން ހިދުމަތް ހޯދާފައިވާ ކަމަށް އެޗްސީއޭއިން ބުނެއެވެ.
އެޗްސީއޭއިން ހާމަކުރި ގޮތުގައި މި އަހަރުގެ ކޭމްޕް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވުމަށް ނިންމީ، އެ ސަރަހައްދުގައި މިހާރު ހުރި ހިޔާ 16 ޓަވަރުގެ އިތުރުން އެސްއޯއީ އަދި ވިނަރެސް ޓަވަރުތަކާއެކު 60،000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާތީއެވެ. އެހެންކަމުން އެ ސަރަހައްދުގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަކަށް ބޭނުންތެރި ސިއްހީ ހިދުމަތްތަކާއި މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ފޯރުކޮށްދިނުމަކީ އެ ޖަމިއްޔާގެ އެންމެ ބޮޑު މަގުސަދެވެ.




