Saturday, November 14
ވޭޕް މަނާކުރުމުން އިދިކޮޅުންވެސް އުފާކުރޭ: ފަލާހު

ޒުވާން ޖީލު ދުންފަތުގެ ނުރައްކާތެރި ވަބާއިން ސަލާމަތްކުރުމަށްޓަކައި މި ސަރުކާރުން ކުރިއަށްގެންދަނީ ވަރުގަދަ ގައުމީ ކެމްޕެއިނެއް ކަމަށާއި، ރާއްޖޭގައި ވޭޕް މަނާކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ އާއިލާތަކުން ވެސް އުފާކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ، މީގެކުރިން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރީ ވޭޕް މަނާކުރުމުން އެ ބޭނުންކުރި މީހުން ސިނގިރޭޓަށް ބަދަލުވެދާނެތީ އެކަން ހުއްޓުވަން ކަމަށެވެ. ނަމަވެސް ފަހުން ހެދި ދިރާސާތަކުން އެނގުނުގޮތުގައި ވޭޕް މަނާކުރުމުން ގިނަ ބަޔަކު ސިނގިރޭޓާ ދިމާލަށް ނުގޮސް، އެއްކޮށް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފަލާހު ވިދާޅުވީ ސަރުކާރުން ދުންފަތުގެ އަގުތަކަށް ބަދަލު މިގެންނަނީ އެއްގޮތަކަށް ވެސް ދައުލަތަށް އާމްދަނީ ހޯދުމުގެ ބޭނުމުގައި ނޫން ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުންގެ ސިއްހަތަށް ގެއްލުންވާނެ އެއްވެސް ކަމަކަށް އެދިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ފަސް އަހަރުގެ ގައުމީ ކެމްޕެއިނެއް ފަށާފައިވާކަން ފާހަގަކުރައްވަމުން، ވޭޕް މަނާކުރުމުން އިދިކޮޅު މެންބަރުންގެ ދަރިންނާއި މައިންބަފައިން ވެސް ހަގީގަތުގައި އުފާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު މަޖިލީހަށް ހުށަހެޅިފައިވާ އިސްލާހުގެ ސަބަބުން ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުރިއަށްވުރެ ކުޑަވެގެންދާނީ މިވަގުތުގެ ހާލަތަށް ރިއާޔަތްކޮށް ގާނޫނަށް ގެންނަންޖެހޭ ބަދަލެއްގެ ގޮތުގައި ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

މީގެއިތުރުން، އެމްޑީޕީގެ މެންބަރުން ދައްކަވަމުންދާ ވައްކަމުގެ ވާހަކަތަކަށް ރައްދުދެއްވަމުން ފަލާހު ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގާފައިވާ ބޮޑެތި ވައްކަމާއި ކޮރަޕްޝަންގެ ހަނދާންތައް ރައްޔިތުންގެ ހިތްތަކުން އަދި ފިލައިގެން ނުދާ ކަމަށެވެ. އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ގައުމު "ނޮޅާލާ" ކަމަށާއި، ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން އެމްޑީޕީން ވަނީ ވައްކަން ކުރުމަށް މަގުފަހިވާނެހެން ކަންކަން ނިންމާފައި ކަމަށް ވިދާޅުވެ، ފަލާހު ވަނީ އިދިކޮޅު ޕާޓީގެ މާޒީގައި ހިނގާފައިވާ ކަންކަން ހަނދާންކޮށްދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު