Saturday, November 14
ސިޔާސީ ފިކުރާ ހެދީ ރަށް ބަދަލުކުރި ޕްރިންސިޕަލުންގެ މައްސަލަ ހައްލުކޮށްފި

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ކުރީގެ ސަރުކާރުން ސިޔާސީ ފިކުރަށް ބަލައި ތޭވީހަކަށް ޕްރިންސިޕަލުން އެ ބޭފުޅުން ތިއްބަވަން ޖެހޭ ރަށް ނޫން އެހެން ރަށްރަށަށް ބަދަލުކޮށްފައި ތިއްބެވި ނަމަވެސް، މިހާރު އެ ހުރިހާ މުވައްޒަފުން ތިބޭނީ ތިބެންޖެހޭ ތަންތަނަށް އަނބުރާ ބަދަލުކޮށްފައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ވަކި ސިޔާސީ ފިކުރެއްގައި އުޅުމުގެ ސަބަބުން ފިޔަވަޅު އަޅާފައިވާ ކަމަށް ބުނެ ޓީޗަރުންގެ ފަރާތުން 200 އަށް ވުރެ ގިނަ ޝަކުވާ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

ނަމަވެސް މި ސަރުކާރުން އެއްވެސް ޓީޗަރަކަށް ނުވަތަ ޕްރިންސިޕަލަކަށް ސިޔާސީ ފިކުރާ ގުޅުވައިގެން ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށާއި، ސަރުކާރާ ދެކޮޅު ފިކުރެއްގެ ބޭފުޅަކަށް ވިޔަސް އިންސާފުން ބޭރުން ފިޔަވަޅެއް ނޭޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަބަދުވެސް އިރުޝާދު ދެއްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކުރީގެ އެމްޑީޕީ ސަރުކާރުން ވަރަށް ގިނަ ޓީޗަރުންނަށް އިންޒާރުދީ، ބަޔާން ނަގައި މަގާމުން ވެސް ވަކިކޮށްފައިވާ ކަމަށް މެންބަރު ޝުޖާއު ކުރެއްވި ތުހުމަތުތަކާ ގުޅިގެން މިނިސްޓަރު އިސްމާއީލް ވަނީ މި ސަރުކާރުން އެފަދަ ބޭއިންސާފު އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީގެ އިތުރުން، އިސްކަންދަރު ސްކޫލްގެ ޓީޗަރުންގެ ތެރެއިން ބަޔަކު ރަޖިސްޓްރީ ކުރި މަސައްކަތްތެރިންގެ ޔޫނިއަނެއް ހަރަކާތްތެރިވުން އެ ސްކޫލްގެ ޕްރިންސިޕަލް މަނާކުރެއްވި މައްސަލާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް ވެސް މިނިސްޓަރު ވަނީ ޖަވާބު ދެއްވާފައެވެ. މިނިސްޓަރު ވިދާޅުވީ އެ ޔޫނިއަން ބަލައިނުގަންނަން ސްކޫލް މެނޭޖްމަންޓުން އެންގީ ޔޫނިއަންގެ ނަމުގައި ދައުލަތުގެ މުއައްސަސާއެއްގެ ނަން ބޭނުންކޮށްފައި ވާތީ ކަމަށެވެ. ޔޫނިއަން ހިންގުމާއި ރަޖިސްޓްރީ ކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުން ދައުލަތުގެ މުއައްސަސާއެއްގެ ނަން ނުވަތަ އޮޅުން އަރާ ފަދަ ނަމެއް ބޭނުންކުރުން މަނާކަމަށާއި، އާންމު ކުންފުނިތަކާ ހިލާފަށް ސްކޫލްތަކަކީ ވަރަށް ގިނަ ހިފެހެއްޓުންތަކެއް ހުންނަ ހާއްސަ ސިފަތަކެއް ލިބިފައިވާ ތަންތަން ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު