އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާކޮށްފައިވާ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
2021 ވަނަ އަހަރުގެ އޮކްޓޫބަރު 19 ވަނަ ދުވަހު މޭރީ މަަރައިލި ކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް (މިހާރުގެ ނަމުން ޔޫސުފް) ހައްޔަރުކުރީ އެ އަހަރުގެ އޮކްޓޫބަރު 27 ގައެވެ. މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ބުނާ ލަމްހާ ހައްޔަރުކުރީ އެ އަހަރުގެ ޑިސެންބަރު 16 ގައެވެ. މި މައްސަލައިގެ ތުހުމަތުގައި ބަންދުގައި ހުއްޓައި މާވިން ވަނީ އިސްލާމްވެ، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައެވެ.
ލަމްހާއާއި މާވިން އަކީ ވެސް އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން އައި ދެ ނަރުހުންނެވެ.
މޭރީ މަރައިލިކަމުގެ ތުހުމަތުގައި މާވިންގެ މައްޗަށްް ދައުވާ އުފުލިއިރު، ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާއެވެ.
މި މައްސަލައިގައި މިއަދު ބޭއްވި ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޣާޒީ މުޒައްމިލް ނާޒިމް ވިދާޅުވި ގޮތުގައި މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބެލެވޭނެ އެއްވެސް ނިޝާނެއް ނެތް ކަމަށް ޑޮކްޓަރުންގެ ހެކިބަހުން އެނގޭއިރު، އޭނާ މަރުވީ ބޮލަށް ދިން ހަމަލާތަކުގެ ސަބަބުން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކައެވެ. މީގެއިތުރުން މޭރީ އެންމެ ފަހުން ދިރިހުއްޓާ ފެނުނީ މާވިންއާއެކު އެ ގޭގައި ހުއްޓާ ކަމާއި، މާވިންގެ ފޯނުން މީހަކު ހާސްކޮށްލާނެ ގޮތުގެ ފޮޓޯތަކެއް ފެނިފައިވާކަން ޣާޒީ ފާހަގަކުރެއްވިއެވެ.
އެހެންކަމުން، މާވިން ދެއްކި ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި، ގުޅުވާލެވޭ ހެކިތަކުގެ މައްޗަށް ބިނާކޮށް މޭރީ މަރާލީ މާވިންކަން ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އަދި އަދަބާ ބެހޭގޮތުން ވާހަކަދެއްކުމަށް މާވިންގެ ވަކީލު އިތުރު ވަގުތަށް އެދުމުން، އެ ފުރުސަތު ދެއްވައި، މައްސަލައިގެ އަދަބު ކަނޑައެޅުން އަންނަ މަހުގެ ފުރަތަމަ ދުވަހަށް ގާޒީ ވަނީ ތާވަލުކުރައްވާފައެވެ.




