އާދިއްތަ, November 8
ފުލުހުންގެ ޤާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ލަންކާ ސަފީރާއެކު މަޝްވަރާކޮށްފި

ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ، ހިޒް އެކްސެލެންސީ މުޙައްމަދު ރިޒްވީ ޙަސަން، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އަރިހަށް މިއަދު އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ހަރ އެކްސެލެންސީ ތިމުތު ދިސާނަޔަކަ އާއި، ސްރީލަންކާ ހައިކޮމިޝަންގެ ތާރޑް ސެކްރެޓަރީ (އިކޮނޮމިކް އެންޑް ވެލްފެއަރ) މިޒް ނިޝާންތާ ކަމްބުރަދެނިޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ، ދިވެހި ފުލުހުންގެ ޚިދުމަތާއި ސްރީލަންކާގެ ގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންނެވެ.

މީގެ އިތުރުން، މިހާރު ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާބިލުކަން އިތުރުކުރުމަށް ސްރީލަންކާއިން ދެމުންދާ އެހީތެރިކަމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. އަދި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމާއި، ފަންނީ ތަރައްގީއާއި، ފުލުހުންގެ މަސައްކަތުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދެވިދާނެ ދާއިރާތަކާ ބެހޭގޮތުން ދެފަރާތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ ސްރީލަންކާގެ ފަރާތުން ދިވެހި ފުލުހުންނަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ދެފަރާތުންވެސް އިސްކަންދޭ މުހިންމު ކަންކަމުގައި ދެފަރާތުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ކޮމިޝަނަރ ދެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު