ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ތަމްރީނުލިބިފައިވާ މީހުން ބިނާކުރުމަށާއި، ރާއްޖޭގެ ސިއްހީ ނިޒާމަށް އަންނަމުންދާ ބަދަލުތަކަށް އެހީތެރިވުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން މަތީ ތައުލީމުގެ އާ ތިން ޕްރޮގްރާމެއް ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.
އެމްއެންޔޫ އިން އަލަށް ތައާރަފުކުރި ތިން ޕްރޮގްރާމަކީ:
- ބެޗްލަރ އޮފް ސައިންސް އިން ޕެރާމެޑިކް ސައިންސް
- ބެޗްލަރ އޮފް ސައިންސް އިން ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖީ - އޮނާރސް
- ބެޗްލަރ އޮފް އޮކިއުޕޭޝަނަލް ތެރަޕީ - އޮނާރސް
މި ޕްރޮގްރާމްތަކަކީ ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށާއި، މި ދާއިރާއިން ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ކޯސްތަކެކެވެ. ޚާއްޞަކޮށް، ކުއްލި ފަރުވާގެ ދާއިރާއާއި، ވާހަކަ ދެއްކުމުގެ ދަތިކަން ހުންނަ ކުދިންނަށް ފަރުވާދޭނެ ތެރަޕިސްޓުންނާއި، އޮކިއުޕޭޝަނަލް ތެރަޕިސްޓުން ރާއްޖެއަށް އިންތިހާއަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި މި ކޯސްތަކުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.
އެމްއެންޔޫއިން ހާމަކުރި ގޮތުގައި، މި އާ ޕްރޮގްރާމްތައް ތައާރަފުކުރުމަކީ ތަޢުލީމީ ފުރުޞަތުތައް ފުޅާކޮށް، ހުނަރުވެރި ޕްރޮފެޝަނަލުން ބިނާކުރުމަށް އެ ޔުނިވަރސިޓީން ކުރަމުންދާ މެދުނުކެނޑޭ މަސައްކަތުގެ ބައެކެވެ. އަދި މިއީ ޤައުމީ ތަރައްޤީގައި ޔުނިވަރސިޓީގެ ދައުރު ފުޅާކޮށް، ރައްޔިތުންނަށް ބޭނުންވާ މުހިންމު ދާއިރާތަކުން މީހުން ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަންވެސް އެ ޔުނިވަރސިޓީން ފާހަގަކުރެއެވެ.




