މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް އައިސްފައިވާ މަޑުޖެހުން ނިމުމަކަށް އައިސް، އަންނަ 2027 ވަނަ އަހަރުން ފެށިގެން އާންމު ހާލަތަށް ބަދަލުވާން ފަށާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފިއެވެ.
މި ހިނގާ ޖޫން މަހުގެ 4 އިން 14 އަށް ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު އައިއެމްއެފްގެ ވަފުދުން ނެރުނު ރިޕޯޓުގައިވާ ގޮތުން، ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވުމާއި ފަތުރުވެރިކަމަށް ކުރި ނޭދެވޭ އަސަރުތަކާއެކު، 2026 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނީ އެއް ޕަސެންޓުގައެވެ. ނަމަވެސް، 2027 ވަނަ އަހަރުން ފެށިގެން ކުރިއެރުން އިޔާދަވާން ފަށައި، މެދުރާސްތާގައި އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރާ ހަތަރު ޕަސެންޓުގެ މިންގަނޑަށް ރުޖޫއަވާނެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ތެލުގެ އަގު މަތިވުމުގެ ސަބަބުން އިމްޕޯޓަށް ކުރާ ހޭދަ ބޮޑުވެ، ކަރަންޓު އެކައުންޓު ޑެފިސިޓު އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ސުކޫކު ބޮންޑާއެކު ބޭރުގެ ބޮޑެތި ދަރަނިތަކެއް ދެއްކުމުން ކައިރި މުސްތަގުބަލެއްގައި ޑިފޯލްޓުވުމުގެ ބިރު ކުޑަވި ނަމަވެސް، ދަރަނި ދެއްކުމުގެ ގާބިލުކަމުގެ ހިރާސްތައް އަދިވެސް ބޮޑެވެ.
މި ދަތިތަކުން ސަލާމަތްވުމަށްޓަކައި މާލީ އޮނިގަނޑަށް އިސްލާހު ގެނައުމާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ވިޔަފާރީގެ މާހައުލު ރަނގަޅުކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކުން ސަލާމަތްކަން ހޯދާނެ ނިޒާމެއް ބޭނުންވާ ކަމަށް އައިއެމްއެފުން ބުންޏެއެވެ. އަދި ރާއްޖެއިން ބޭރުގެ ގައުމުތަކާއެކު ހަދަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން މުސްތަގުބަލުގައި އިގްތިސާދަށް އެހީތެރިކަން ލިބޭނެ ކަމަށްވެސް ފާހަގަކުރިއެވެ.
މީގެ އިތުރުން، އެމްއެމްއޭ އިން އޯޕަން މާކެޓް އޮޕަރޭޝަންސް އަލުން ފަށަން ނިންމި ނިންމުމަށް އައިއެމްއެފުން ވަނީ މަރުހަބާ ކިޔާފައެވެ. އަދި ތެލަށް ކުރާ ހޭދާއި ސަބްސިޑީ ކުޑަކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ މުހިންމުކަންވެސް ހާމަކުރިއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ މާލީ ގޮތުން ބޮޑު ހިރާހެއް އޮތް ދާއިރާއެއްކަން ފާހަގަކޮށް، އެތަންތަން މޮނިޓާކުރުން ހަރުދަނާކުރަން ޖެހޭ ކަމަށްވެސް ބުންޏެވެ.
ދައުލަތުގެ ދަރަނި ކުޑަކުރުމަށްޓަކައި ފަށާފައިވާ އިސްލާހީ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އައިއެމްއެފުން ވަނީ އިރުޝާދު ދީފައެވެ. މީގެ ތެރޭގައި ކެޕިޓަލް ހަރަދުތައް ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ އިތުރުން އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެހެން ސަބްސިޑީގެ ނިޒާމު މުރާޖައާކުރުން ހިމެނެއެވެ.
އައިއެމްއެފުން ނިންމާލަމުން ބުނީ، ދުނިޔޭގެ މަސްރަހުގައި ހުރި ނުތަނަވަސްކަމާއި ހަކަތައިގެ އަގުތަކަށް ބަލައި، ސަރުކާރުގެ މައިގަނޑު ސިޔާސަތަކަށް ވާންޖެހޭނީ އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމާއި، ދަރަނި ބެލެހެއްޓުމުގެ އިތުރުން ދައުލަތުގެ މާލިއްޔާ ވަރުގަދަކުރުން ކަމަށެވެ.




