ރައީސް ޑރ. މުހައްމަދު މުޢިއްޒު، ހިޖުރީ ސަނަތުން 1448 ވަނަ އަހަރު ފެށުމާ ގުޅިގެން، އިސްލާމީ ޤައުމުތަކާ، ސަރުކާރުތަކުގެ އިސްވެރިންނަށާއި، ބައިނަލްއަޤުވާމީ އިސްލާމީ ޖަމާޢަތްތަކުގެ އިސްވެރިންނަށް ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސްގެ މެސެޖުގައި، މިފެށުނު ހިޖުރީ އާ އަހަރަކީ، ތިމާގެ އަމިއްލަ ނަފުސާއި މުޖުތަމަޢުގެ ޙާލަތާމެދު ފުންކޮށް ވިސްނައި، އެއްބައިވަންތަކަން އާލާކުރުމާ، މުޅި މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި އޯގާތެރިކަން އިސްކޮށް، އަމިއްލަ އެދުމެއްނެތި، އިޚްލާޞްތެރިކަމާއެކު އެކަކު އަނެކަކަށް އެހީތެރިވެ އުޅުމުގެ ރޫޙު އާލާކުރަންވީ ވަގުތު ކަމަށް ވިދާޅުވެފައިވެއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން، ކުރިއަށް އޮތް އަހަރަކީ އިސްލާމީ އުންމަތުގެ އީމާންތެރިކަން އިތުރަށް ވަރުގަދަވެގެންދާނެ އަހަރަކަށް ވުމަށް އެދިވަޑައިގެން، މުޅި އިސްލާމީ އުންމަތަށް ދެމިގެންދާފަދަ ސުލްހަވެރިކަމާއި، ފާގަތިކަމާއި، އެއްބައިވަންތަކަން މިންވަރުކޮށްދެއްވުން އެދިވަޑައިގެން، އިޚްލާޞްތެރިކަމާއެކު ދުޢާ ދަންނަވާފައިވެއެވެ.




