ސިޔާސީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އުފެދޭ ޚިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާކޮށް، ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރުމަކީ ހިޖުރީ އައު އަހަރުން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅު ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ވަނީ މި މުނާސަބަތުގެ ތަހުނިޔާއާ މުބާރަކްބާދު ދިވެހި ރައްޔިތުންނާ އަދި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ތިއްބެވި އުޚުއްވަތްތެރި މުސްލިމުންނަށް ފޮނުއްވައިފައެވެ.
މީގެ އިތުރުން މި ޚިޠާބުގައި ހިޖުރައިގެ މަތިވެރި ތާރީޚުގެ މައްޗަށް އަލިއަޅުއްވާލައްވައި، މީގެ ސާދަސަތޭކައަށްވުރެ ގިނަ އަހަރު ކުރިން މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި، އެކަލޭގެފާނުގެ އަޞްޙާބުން މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިގެ ހާދިސާއިން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ، ކިތަންމެ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ކެތްތެރިކަމާއެކު އިލާހީ މަގުގައި ސާބިތުވެ ތިބުމުން ނުކުންނާނެ ފޮނި ނަތީޖާކަމުގައި ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ޚިޠާބުގައި، ދިވެހި އުންމަތުގެ ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ، އަޅުގަނޑުމެންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. އަދި މީގެ އަހަރުތަކެއް ކުރިން މަދީނާގެ އަންޞާރީންނާއި މުހާޖިރުން ދެއްކެވި ފަދަ ލާމަސީލު އެކުވެރިކަމާއި، އޯގާތެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫޙު މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމަޢުގައި ދިރުވަންޖެހޭ ކަމުގައި ރައީސް ވިދާޅުވިއެވެ. ޤައުމެއް ބިނާކޮށް އާރާސްތު ކުރެވޭނީ އެންމެންގެ ހިތްތައް ސާފުވެ، އެއް އަމާޒަކަށް ދިޔުމަށް އަތުގުޅާލައިގެންކަން އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. އަދި އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާއި މުޖުތަމަޢު އިސްލާހުކޮށް، ނޭދެވޭ އެންމެހައި ކަންކަމުން ދުރުވެ، ހެޔޮކަމުގެ މަގަށް، ހިތާއި ނަފްސުން ހިޖުރަކުރުމަށް ޢަޒުމް ކަނޑައެޅުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
މި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ، އަދި އެންމެ މުހިންމު އެއް އަމާޒަކީ، އިސްލާމީ ޞައްޙަ ޢަޤީދާގެ ބިންގަލުގެ މަތީގައި، އަދި ދިވެހިވަންތަ ރިވެތި އަޚުލާޤުގެ މަތީގައި ބޮޑުވާ، ދީނާއި ޤައުމަށް ވަފާތެރި ޖީލެއް ބިނާކުރުން ކަމުގައި އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. ދިވެހީންގެ މެދުގައި އޮތް ސައްތައިންސައްތަ އިސްލާމީ ވަހުދަތަކީ، އަޅުގަނޑުމެންގެ އެންމެ ބޮޑު ބާރުކަން ފާހަގަކުރައްވައި، އިސްލާމީ މަތިވެރި އުސޫލުތައް ހިމާޔަތްކޮށް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި، ހުރިހާ ރައްޔިތުންނަށް ޢަދުލުވެރިކަމާއި ހަމަހަމަކަން ކަށަވަރުކޮށްދިނުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މި ފެށުނު އާ އަހަރަކީ، އިޤްތިޞާދު އާރާސްތުކޮށް، އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމަށް ލިބޭ އާ ފުރުސަތެއް ކަމަށާއި މިއަދު ދުނިޔެއަށް ކުރިމަތިވަމުންދާ އެކިކަހަލަ ގޮންޖެހުންތަކުން އަރައިގަނެވޭނީ، އާ އީޖާދުތަކާއެކު، ހީވާގިކަމާއި މުރާލިކަމާއެކު މަސައްކަތްކޮށް އެކަންކަމަށް ކުރިމަތިލައިގެންކަން އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. މި ޚިޠާބުގައި، ހިޖްރީ އައު އަހަރަކާ ބައްދަލުކުރާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް ފަލަސްޠީނުގެ ބިމުގައި އަނިޔާ ލިބެމުންދާ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާކުރުމުގައި ދެމިތިއްބެވުމަށް އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވާފައިވެއެވެ.
ރައީސްގެ ޚިޠާބު ނިންމަވާލައްވާފައި ވަނީ މި ފެށުނު ހިޖުރީ އާ އަހަރަކީ، ދިވެހިރާއްޖެއަށާއި މުޅި އިސްލާމީ އުންމަތަށް ބާއްޖަވެރި، އަމާން، އަދި ފާގަތި އަހަރެއް ކަމުގައި ލައްވައި، އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަކުރައްވައި، ގައުމަށް ކުރިއެރުމާއި ތަނަވަސްކަން މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.




