މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު މީޑިއާތަކާ ބައްދަލުކޮށް ފުލުހުންގެ ތަހުގީގާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، 2026 ޖޫން 9 ވަނަ ދުވަހު ޝަމްޢާން މީޑިއާތަކާ ބައްދަލުކޮށް ދެއްކެވި ވާހަކަތަކަކީ ތަހުގީގުގެ ނިންމުންތަކަކީ ސިޔާސީ ނުފޫޒުން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ދޭހަވާ ގޮތަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. ނަމަވެސް، ޝަމްޢާނާއި އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ގުޅިގެން ބިދޭސީންގެ އަތުން ނުހައްގު މާލީ މަންފާ ހޯދައި، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ފުލުހުން ކަށަވަރުކޮށްދެއެވެ.
މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، 2025 މާރިޗު 11 ވަނަ ދުވަހު އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގެ ހުރިހާ މައުލޫމާތެއް ޝަމްޢާނަށް އެނގިވަޑައިގަންނަވާ ކަމާއި، އޮޕަރޭޝަންގެ ހަފުތާއެއް ކުރިން އޭނާގެ އޮފީހުގައި މަޝްވަރާތައް ބޭއްވިކަން ތަހުގީގަށް ވަނީ ހާމަވެފައެވެ. އަދި އެ ރޭ ހައްޔަރުކުރި ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލުމަށް ޝަމްޢާން އަމިއްލައަށް އިރުޝާދު ދެއްވިކަން ވެސް ފުލުހުން ފާހަގަކުރެއެވެ.
ތަހުގީގަށް ހޯދިފައިވާ ގޮތުގައި، އެ ބިދޭސީ މީހާ ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން 500,000 (ފަސްލައްކަ) ރުފިޔާ ދިނުމަށް އެއްބަސްވެފައިވެއެވެ. އަދި އިމިގްރޭޝަންގެ ދެ މުވައްޒަފަކު ދަންވަރު 3:00 އެހައިކަންހާއިރު ފައިސާ ހުރި ކޮތަޅެއް ހިފައިގެން ޝަމްޢާން ދިރިއުޅޭ އެޕާޓްމަންޓަށް ވަދެ، ތިން މިނެޓް ފަހުން އެ ކޮތަޅާ ނުލައި ނުކުތްކަން ވެސް ތަހުގީގަށް ވަނީ ކަށަވަރު ކުރެވިފައެވެ. މީގެ އިތުރުން، ޖެހިގެން އައި ދުވަހު ޝަމްޢާންގެ ބޭންކް އެކައުންޓްތަކަށް ޖުމްލަ 259,837.35 ރުފިޔާ ޖަމާކޮށްފައިވާކަން ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، ޝަމްޢާންގެ ފޯނުގައި ކޮރަޕްޝަނާ ގުޅޭ ހެކި ހުރި ކަމަށް އޭނާ ބުނި ނަމަވެސް، މުޅި ތަހުގީގު މަރުހަލާގައިވެސް ފޯނުގެ ލޮކް ކޯޑު ދިނުމަށް އޭނާ އިންކާރުކޮށްފައިވާ ކަމަށެވެ. އަދި ބަންދުން ދޫކޮށްލި ފަހުން ވެސް އެފަދަ އެއްވެސް މައުލޫމާތެއް ރަސްމީ އިދާރާއަކާ ހިއްސާކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް ދައުވާ އުފުލައި، ކްރިމިނަލް ކޯޓުން މިހާރު ވަނީ ހުކުމް އިއްވާފައެވެ. ފުލުހުން ބަޔާން ނިންމާލަމުން ބުނެފައިވަނީ ކޯޓުގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ އޮތް ހަމައެކަނި ގާނޫނީ ހައްލަކީ އިސްތިއުނާފު ކުރުން ކަމަށާއި، ފަނޑިޔާރުގޭގެ މިނިވަންކަމަށް ފުލުހުން ފުރިހަމައަށް އިހުތިރާމްކުރާ ކަމަށެވެ.




