އޭޝިއާ ސަރަޙައްދުގައި އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ބާއްވާ އެންމެ ބޮޑު އެއް ފޯރަމް ކަމަށްވާ "އޭޝިއާ ކްލީން އެނާޖީ ފޯރަމް" ގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.
2026 ޖޫން 8 އިން 11 އަށް ފިލިޕީންސްގެ މެނީލާގައި ހުންނަ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ހެޑްކުއާޓާޒްގައި ކުރިއަށްދާ މި ފޯރަމްގައި ރާއްޖޭގެ ވަފުދު އިސްކޮށް ހުންނެވީ މިނިސްޓްރީ އޮފް ކުލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާރޖީގެ ސްޓޭޓް މިނިސްޓަރު ޑރ. މުއާވިޔަތު މުޙައްމަދެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި އަހަރުގެ ފޯރަމްގެ ޝިއާރަކީ "ބިޔޯންޑް ޓްރާންސިޝަން: ބިލްޑިންގ ސެކިއުއަރ، ރެޒިލިއަންޓް، އިންކްލޫސިވް އެންޑް އިންޓެލިޖަންޓް އެނާޖީ ސިސްޓަމްސް" ކަމަށާއި، މި ޝިއާރުގެ ދަށުން، ހަކަތައިގެ ނިޒާމުތަކަކީ ރައްކާތެރި، ދެމެހެއްޓެނިވި، އަދި އެންމެންގެ ބައިވެރިވުން ހިމެނޭ ތޫނުފިލި ނިޒާމުތަކަކަށް ހެދުމަށް މަޝްވަރާ ކުރެވޭނެ ކަމަށެވެ.
އެ މިނިސްޓްރީން ހާމަކުރި ގޮތުގައި މި ފޯރަމްގައި ރާއްޖޭގެ ވަފުދުން ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ، ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ މަތީ ފަންތީގެ ވައުދުތައް އަމަލީ ސިފައެއްގައި ތަންފީޒުކުރުމެވެ. ޚާއްޞަކޮށް، މިއީ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ، ގޭބިސީތަކާއި މުޖުތަމައުތަކަށް ސީދާ ފައިދާ ކުރާނެ ފަދަ ހަކަތައިގެ އެޖެންޑާއެއް އެކުލަވާލުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި ބައްދަލުވުމަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި، ތިމާވެއްޓާ ރައްޓެހި ހަކަތައިގެ ނިޒާމެއް ގާއިމުކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ހުޅުވިގެންދާ މުހިންމު ދޮރެއް ކަމަށާއި، ރާއްޖޭގެ ވަފުދުން މި ފޯރަމްގައި ބައިވެރިވެ، ރާއްޖޭގެ ތަޖުރިބާތައް ހިއްސާކުރުމުގެ އިތުރުން، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރާނެ ކަމަށެވެ.




