Saturday, October 31
ފިލިޕީންސްގެ އައު ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ފިލިޕީންސްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސެލެންސީ ނީނާ ޕީ. ކައިންޖްލެޓް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ފިލިޕީންސްގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމުން ރައީސް ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދަންނަވާފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސް ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ސަފީރުގެ ވާހަކަފުޅުގައި، ރާއްޖޭގައި މަސައްކަތްކުރާ އެޤައުމުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން ފޯރުކޮށްދެމުންދާ މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި، ދެ ޤައުމުން ގެންގުޅޭ ރަޙުމަތްތެރި ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ދެ ޤައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުން އިތުރަށް ކުރެވިދާނޭ މަސައްކަތްތައް ދެނެގަތުމުގެ ޢަޒުމުގައި ތިއްބެވިކަން ދެބޭފުޅުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ދިވެހިރާއްޖެ އާއި ފިލިޕީންސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1974 ވަނަ އަހަރުގެ ޖުލައި މަހުގެ 12ވަނަ ދުވަހުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު