އާދިއްތަ, November 8
ނޭޝަނަލް ސަރވިސް ޓްރޭނިންގެ 3 ވަނަ ބެޗުގެ ބައިވެރިން ފުރައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީންގެ ތިން ވަނަ ބުރުގެ ބައިވެރިން ފުރައިފިއެވެ.

މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވަޠަނީ ޚިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުޞަތުގައި ކުރިމަތިލި 1785 ޒުވާނުންގެ ތެރެއިން ފުރަތަމަ 352 ބައިވެރިން ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް ފުރާފައިވާ ކަމަށެވެ.

މިގޮތުން ރައީސް ވިދާޅުވީ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރ، ޅ.މާފިލާފުށިގައި ތިންމަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތު ކަމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާޤާއި ސުލޫކު، ލީޑަރޝިޕް، އަދި ހަށިހެޔޮކަމުގެ ގެ އިތުރުން ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއަކުން މި ޒުވާނުންނަށް ތަމްރީނު ދެވޭނެ ކަމަށެވެ.

އަދި އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ކުރިޔަށް ގެންދާ ދިވެހި ވަޠަނީ ޚިދުމަތުގެ ޙަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ސަރުކާރުގެ ޒުވާނުން ބިނާކުރުމާ ގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގައި ރާއްޖޭގެ 20 އަތޮޅުން 115 ރަށަކަށް ނިޞްބަތްވާ 64 އަންހެން އަދި 288 ފިރިހެން ޒުވާނުން ބައިވެރިވޭ.

އެމަނިކުފާނު ވަނީ ވަޠަނީ ޚިދުމަތުގެ ތަމްރީންގެ ތިން ވަނަ ބުރުގެ ހުރިހާ ބައިވެރިންނަށްވެސް ސާބިތުކަމާއި ކާމިޔާބަށް އެދިވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު