ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދެމުންގެންދާ "މެޑިކަލް ވެލްފެއަރ ސްކީމް" ގެ ޚިދުމަތްތައް، މިއަދުން ފެށިގެން އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މި ނިންމުމާ ގުޅިގެން، މީގެ ކުރިން އެންސްޕާ މެދުވެރިކޮށް ދެމުން އައި ގިނަ ޚިދުމަތްތަކެއް އާސަންދަ މެދުވެރިކޮށް ލިބޭނެ ގޮތް ހަމަޖެހިގެންދާނެއެވެ.
އޭގެ ތެރޭގައި ގޯޝަން ބަލި ތަޙައްމަލްކުރަމުންދާ ފަރާތްތަކަށް ބޭސް ގެނައުމާއި ފޯރުކޮށްދިނުމާއި، ކެންސަރ ބަލީގެ ފަރުވާއަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމާއި، ރާއްޖެއިން ލިބެންނެތް ނުވަތަ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ނުހިމެނޭ ބޭސް ހޯދުމަށް އެހީތެރިވުމާއި، ރާއްޖެއިން ނުލިބޭ ބޭސް ގަތުމަށް ފައިސާގެ އެހީ ފޯރުކޮށްދިނުމާއި، އާސަންދައިގެ ދަށުން ބޭރުން ފަރުވާކުރާ ފަރާތްތަކަށް ބޭނުންވާ އިތުރު ޓިކެޓް ހަމަޖައްސައިދިނުމާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ޞިއްޙީ ކަންކަމަށް އެހީވުމާއި، ޕަބްލިކް ހޮސްޕިޓަލްތަކުންނާއި އާސަންދައިން ނުލިބޭ ޓެސްޓްތަކާއި ތަޙްލީލްތަކަށް އެހީ ފޯރުކޮށްދިނުން އަދި އެސިސްޓިވް ޑިވައިސަސް (އެކިއެކި އާލަތްތަކާއި މެޝިން) އަދި މެޑިކަލް ކޮންސިއުމަބަލްސް ފޯރުކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން ވެސް ފަރުވާ ފުރިހަމަކުރުމަށްފަހު ނުވަތަ އިތުރު ފަރުވާއެއް ނެތް ހާލަތްތަކުގައި އެނބުރި ރަށަށް ދިއުމަށް ބޭނުންވާ އެހީތެރިކަމާއި، ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށްފަހު ކުރިއަށްގެންދާ ފޮލޯއަޕްތަކަށް އެހީވުމާއި، އަމިއްލަ ޚަރަދުގައި ބޭރަށް ގޮސް އުޅޭއިރު ދިމާވާ ދަތިތަކަށް އެހީތެރިވުމާއި، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ބޭނުންވާ ރިފަރަލްތަކާއި، ހޮސްޕިޓަލް ބަދަލުކުރުމުގެ ކަންކަން ހަމަޖެއްސުން އަދި މެރަނަ ސްކީމްގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކުއްލި ޙާލަތްތަކުގައި ކަވަރޭޖް ބޮޑުކޮށްދިނުމުގެ އިތުރުން ޚާއްޞަ ޑޮކްޓަރުންގެ ލަފައާ އެއްގޮތަށް ރިފަރަލް އަދި ރީކޮންސިޑަރޭޝަންގެ ކަންކަން ކުރިއަށް ގެންދިއުމުގެ ޚިދުމަތްވެސް މިއަދުން ފެށިގެން ކުރިއަށްދާނީ އާސަންދަ ކުންފުނީގެ ދަށުންނެވެ.
މި ބަދަލާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 1400 ނުވަތަ 1402 ނަންބަރަށް ގުޅުއްވުމަށް ހެލްތު މިނިސްޓްރީން ވަނީ އެދިފައެވެ.




