މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މިގޮތުން މެޓް އޮފީހުން ވަނީ މިއަދު 08:20 އިން 15:00 އަށް، ގދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެއެވެ.
މެޓް އޮފީހުން މިއަދު 18:00 އާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ.
މީގެ އިތުރުން ދެކުނުގެ އަތޮޅުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.
އަދި ދެކުނުގައި އާދައިގެ ވަރަކަށް ކަނޑު މަޑުވާނެ ކަމަށާއި، އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.




