Saturday, October 31
އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާއެއްގައި ފަލަސްޠީނުގެ ޑޮކްޓަރަކު ޝަހީދުކޮށްލައިފި

ފަލަސްތީނުގެ މުސްލިމުން އަޟްޙާ ޢީދުގެ ހަތަރުވަނަ ދުވަސް ފާހަގަކުރަމުން ދަނިކޮށް، އިޒްރޭލު ސިފައިން ޣައްޒާގެ މެދުތެރެއަށް ދިން ރަހުމުކުޑަ ހަމަލާއެއްގައި ފަލަސްތީނުގެ ޑޮކްޓަރަކު ޝަހީދުކޮށްލައި، އިތުރު ތިން މީހަކު ޒަޚަމްކޮށްލައިފިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހު އިޒްރޭލުން ދިން މި ހަމަލާގައި ޝަހީދުވެފައިވަނީ ޣައްޒާގެ އަލް-ޔާފާ މެޑިކަލް ހޮސްޕިޓަލުގެ ހެޑް އޮފް އެނެސްތީޝިއާ، ޑރ. ޖަމާލް އަބޫ އަައޫން އެވެ. އޭނާ ޝަހީދުވީ ދީރުލް ބަލަހްގައި ހުންނަ އަލް-އަގްސާ މާޓިއާސް ހޮސްޕިޓަލް ކައިރިއަށް އިޒްރޭލުގެ ޑްރޯންއަކުން ދިން ހަމަލާއެއްގައެވެ.

އަލް-އަގްސާ ހޮސްޕިޓަލުގެ މަސްދަރަކުން އަންދަލޫ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހޮސްޕިޓަލް ކައިރީގައި ތިބި އާންމުންގެ ބަޔަކަށް އަމާޒުކޮށް ދިން މި ހަމަލާގައި ޑރ. ޖަމާލް ޝަހީދުވިއިރު، ޒަޚަމްވި ތިން މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން، އިޒްރޭލުގެ ވަރުގަދަ ބަޑީގެ ހަމަލާތަކެއް ޣައްޒާގެ ދެކުނުން ޚާން ޔޫނިސްގެ ސަރަހައްދުތަކަށާއި، މެދުތެރޭގައި އޮންނަ އަލް-ބުރައިޖް ރެފިއުޖީ ކޭމްޕަށް ވެސް ވަނީ އަމާޒުވެފައެވެ. ހަމައެއާއެކު، ހުޅަނގު އައްސޭރީގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކުގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީ ހަރުކަށި މީހުން ވަނީ ފަލަސްތީނު މީހުންގެ ގެދޮރަށާއި މުދަލަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

އޮކްޓޫބަރު މަހުން ފެށިގެން އެމެރިކާގެ އެހީތެރިކަމާއެކު "ސުލްހައިގެ އެއްބަސްވުމެއް" އޮތް ކަމަށް ބުނި ނަމަވެސް، އިޒްރޭލުން ދަނީ މެދުކެނޑުމެއް ނެތި އެ އެއްބަސްވުމާ ޚިލާފުވެ، ޣައްޒާގައި ގަތުލުއާންމު ހިންގަމުންނެވެ. ޣައްޒާ މީޑިއާ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެ އެއްބަސްވުމަށްފަހު އެކަނިވެސް އިޒްރޭލުން ވަނީ 922 ފަލަސްތީނު މީހުން ޝަހީދުކޮށް، 2,786 މީހުން ޒަޚަމްކޮށްލާފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި މިހާތަނަށް 72,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، 172,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް މައުލޫމާތު ދިން އިޒްރޭލުގެ ބައެއް ސިފައިން ބުނެފައިވާ ގޮތުގައި، ޣައްޒާގައި އެމީހުން ހަރަކާތްތެރިވަނީ އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ގޮތެއްގައެވެ. އެގޮތުން، ކަނޑައަޅާފައިވާ ވަކި ރޮނގެއް ހުރަސްކުރާ ކޮންމެ ފަލަސްތީނު މީހަކަށް ބަޑިޖަހާ މަރާލުމުގެ ހުއްދަ ކޮމާންޑަރުން ދީފައިވާ ކަމަށާއި، އެތަނުގައި އޮންނަނީ "ޖަންގަލީގެ ގާނޫނު" ކަމަށް އެމީހުން ސިފަކޮށްފައިވެއެވެ.

އަދި އާންމުން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދީ މީހުން މަރާލުމުން އިޒްރޭލު ސިފައިން އެކަން އުފާފާޅުކޮށް ފާހަގަކުރާ ކަމަށްވެސް އެ މީހުން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު