މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.ޓީ.ޑީ.ސީ) އިން 2025 ވަނަ އަހަރު މާލީ ގޮތުންނާއި ހިންގުމުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދައިފިއެވެ. ވިޔަފާރީގެ މާހައުލަށް އަންނަމުންދާ ބަދަލުތަކާއެކުވެސް، ކުންފުނީގެ ފައިދާ ދެމެހެއްޓުމަށާއި، ވިޔަފާރި އެކި ދާއިރާތަކަށް ފުޅާކުރުމަށް ކުރި މަސައްކަތްތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ވަނީ ދަމަހައްޓާފައެވެ.
އެމް.ޓީ.ޑީ.ސީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓަށް ބަލާއިރު، ސާފު ފައިދާގެ ގޮތުގައި 2.05 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %6.53 އިތުރު އަދަދެކެވެ. މީގެއިތުރުން، ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ %9.59 އިތުރުވެ 2.36 މިލިއަން ޑޮލަރަށް އަރާފައިވާއިރު، ހިއްސާދާރުންގެ އެކުއިޓީ ވަނީ 53.64 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިއީ ކުންފުނީގެ މާލީ ހާލަތު ވަރުގަދަކަމާއި މާލީ ކަންކަން ހަރުދަނާކަމާއެކު ބަލަހައްޓާފައިވާކަމުގެ ހެއްކެކެވެ.
ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނު 5.13 މިލިއަން ޑޮލަރަކީ ކުރީ އަހަރާ އަޅާބަލާއިރު އެއްވަރެއްގައި ހިފެހެއްޓިފައިވާ އަދަދެއް ނަމަވެސް، ޚަރަދުތައް ކުޑަކޮށް ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ސަބަބުން ހިންގުމުގެ ދާއިރާއިން ވަރުގަދަ ނަތީޖާއެއް ވަނީ ނެރެފައެވެ. އަދި ޖެހިޖެހިގެން ހަތްވަނަ އަހަރަށް ހިއްސާގެ ފައިދާ ބެހުމަށް ނިންމައި، 2025 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 0.50 ލާރި ބެހުމަށް ވަނީ ހުށަހަޅާފައެވެ.
ނިމިދިޔަ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ ހުޅުމާލޭގައި އެމް.ޓީ.ޑީ.ސީން ތަރައްޤީކުރާ އޮފީސް އިމާރާތުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވުމެވެ. މިއީ ކޮމާޝަލް ރިއަލް އެސްޓޭޓް ދާއިރާއަށް ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި އިމާރާތް ބޭނުންކުރަން ފެށުމުން، ކުލީގެ ގޮތުގައި ދާއިމީ އާމްދަނީއެއް ލިބި، ކުންފުނީގެ ކޭޝްފްލޯ އިތުރަށް ހަރުދަނާވެގެންދާނެއެވެ.
ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ދަށުން، ހދ. ނާގޯށި ރިސޯޓް މަޝްރޫޢާއި، ހދ. ކޭލަކުނު އަދި ށ. ފަރުކޮޅުގައި އިކޯ-ޓޫރިޒަމްގެ އާ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް އެމް.ޓީ.ޑީ.ސީން ވަނީ ރާވާފައެވެ. މީގެއިތުރުން، "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭން" ގެ ދަށުން އައްޑޫ ސިޓީގައި 600 ކޮޓަރީގެ ކޯސްޓަލް ޓޫރިޒަމް މަޝްރޫޢެއް ތަރައްޤީކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
ހިއްސާގެ ބާޒާރުގައި ކުންފުނީގެ އަގުވެސް ވަނީ މިދިޔަ އަހަރުގެ ތެރޭގައި އުފުލިފައެވެ. އެގޮތުން ކުންފުނީގެ މާކެޓް ކެޕިޓަލައިޒޭޝަން 519.5 މިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، 2024 ވަނަ އަހަރު 12.50 ރުފިޔާގައި ހުރި ހިއްސާގެ އަގު ވަނީ 15.24 ރުފިޔާއަށް މަތިވެފައެވެ.
ކުންފުނީގެ މުސްތަޤުބަލާ މެދު އެމް.ޓީ.ޑީ.ސީން ބުނެފައިވަނީ، މިހާރު ކުރިއަށްދާ މަޝްރޫޢުތައް ނިމުމުންނާއި ވިޔަފާރި އެކި ދާއިރާތަކަށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން އާމްދަނީ އިތުރުވެ، ކުންފުނީގެ މާލީ ތަނަވަސްކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ދިގު މުއްދަތެއްގައި ހިއްސާދާރުންނަށް ލިބޭ މަންފާ ބޮޑުވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަން އެ ކުންފުނިން ފާހަގަކުރެއެވެ.




