ދައުލަތުގެ މާލީ އަދި ހިންގުމުގެ ނިޒާމުތަކަށް ފާއިތުވި މުއްދަތުގައި އެކަށީގެންވާ ހަރުދަނާ އިސްލާހުތަކެއް ގެނެވި ތަންފީޒުކުރެވި އެކަމުން ނަތީޖާވެސް ހާސިލުކުރެވިފައިވާކަމަށް މާލީ ކަންކަމާއި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ހަނގުރާމައާ ގުޅިގެން ސިޔާސަތު އެކަށައަޅައި ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި ވަޒީރުންގެ ކޮމިޓީން އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ މާލީ އިސްލާހީ އެޖެންޑާއާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ދައުލަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ދަރަނި އަދާނުކުރެވުމުގެ ކަންބޮޑުވުން ކަމަށެެވެ.
އެކަން ހައްލުކުރެއްވުމަށް އަދި ދެމެހެއްޓެނެވި މިންގަނޑެއްގައި ދަރަނި ހިފަހެއްޓެވުމަށްޓަކައި ރައީސް ވެރިކަމާ ހަވާލުވެވަޑައިގެން މާލީ އަދި ހިންގުމުގެ ނިޒާމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެންނެވިކަމަށާއި، އެކަމުގެ ނަތީޖާއަކީ ދައުލަތުގެ ދަރަނީގެ ތެރެއިން ބޮޑު މިންވަރެއް ދައްކައި ހަލާސްކުރެވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ މިދިޔަ ދުވަސްތަކުގައި 2023 އާ ހިސާބަށް އައިއިރު އަޑުއިވޭނެ ރަނގަބީލު އަޅަނިއްޔޭ، އެ ފައިސާއެއް މި ފައިސާއެއް ނުދެއްކޭނޭ. އެކަމަކު މިދެންނެވިހެން ހަރަދުތައް ރޭޝަނަލައިޒްކޮށް އިގުތިސާދީ އެޖެންޑާއެއް ގެންގުޅެއް ހަރުދަނާ ބަދަލުތަކެއް ގެނެވުނީމާ އޭގެ ނަތީޖާއަކީ ހަގީގަތުގައި ދަރަނިތައް ދައްކައި، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދުވަހުން ދުވަހަށް ދީ މިކަންކަން ކުރެވުން،" މޫސާ ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ފާހަގަކުރެއްވި ގޮތުގައި ހަނގުރާމައާ ގުޅިގެން ނޫސްވެރިން އުފައްދަމުން އައި އެންމެ ބޮޑު ސުވާލަކީ އަދި ސަރުކާރަށް އެންމެ ގިނައިން އަމާޒުވި ސުވާލަކީ ދެމެހެއްޓެނެވި ގޮތެއްގައި މެދުނުކެނޑި ތެޔޮ ލިބޭނެތޯ ކުރެވޭ ސުވާލެވެ. ތަކުރާރުކޮށް ވަޒީރުންނާއި ރައީސްވެސް ދެއްވަމުންއައި ޔަގީންކަމަކީ މެދުކެނޑުމެއް ނެތި ރާއްޖެއަށް ބޭނުންވާ ތެޔޮ ލިބޭނެކަމުގެ ޔަގީންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މިއަދާ ހަމައަށްވެސް ތެޔޮ ލިބުމުގައި ދައްޗެއް ކުރިމަތިވެފައި ނެތް ކަމަށެވެ.




