Monday, October 12
ސިންގަޕޫރުގެ ސަފީރު، ވަޒީރު އިރުތިޝާމްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި

ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު، މިސްޓަރ ސޫ ކޮކް ލެންގ، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.

އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު އިރުތިޝާމް ވަނީ ސަފީރު ސޫ ކޮކް ލެންގްގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ސިންގަޕޫރުގެ ގުޅުން ބަދަހިކުރުމަށް ކޮށްދެއްވާފައިވާ މުހިއްމު މަސައްކަތްތައް ފާހަގަކުރައްވާފައެވެ. ވަޒީރުގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުން ކުރިއެރުވުމަށް ސަފީރު ދެއްވި އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން، ސިންގަޕޫރު ސަރުކާރުން ރާއްޖެއަށް އަބަދުވެސް ދެއްވަމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ އެކި މައްސަލަތަކުގައި ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ބަދަހި ގުޅުމާއި، ބައިނަލްއަޤުވާމީ މައިދާނުގައި ގާތުން މަސައްކަތްކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ސިންގަޕޫރުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ސިންގަޕޫރުން ރާއްޖެއާއެކު އޮންނަ ގާތް އެކުވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވިއެވެ.

ވަޒީރު އިރުތިޝާމް އިތުރަށް ވިދާޅުވީ، ސިންގަޕޫރާއެކު އޮންނަ ގާތްގުޅުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން އަބަދުވެސް ނުހަނު އިސްކަންދޭ ކަމަށެވެ. އަދި ސިންގަޕޫރުގެ ސަފީރަށް ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގަންނަވަމުން، ސިންގަޕޫރުން ރާއްޖެއަށް ދެން ކަނޑައަޅުއްވާ އައު ނޮން-ރެޒިޑެންޓް ސަފީރަށްވެސް ދިވެހި ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު