ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މަނަދޫ ޕޮލިސް ސްޓޭޝަނާއި މަގުދޫ ޕޮލިސް ޕޯސްޓާއި މިލަދޫ ޕޮލިސް ޕޯސްޓު ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ނ. މަގޫދޫއިން ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ މާލެއިން ނ. އަތޮޅަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ. މިގޮތުން މި އޮޕަރޭޝަންގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ހ. ދިޔަދޫ / މާލެ، މުޙައްމަދު ނަޞޫޙް ނާޡިމް (21އ) ގ. ސީވޭވް / މާލެ، މުޙައްމަދު ތިބްޔާން ޝަހީން (25އ) އެވެ.
ފުލުހުން ބުނީ މޭ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، އެ ދެމީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައި ވަނީ މަގޫދޫ ގެސްޓުހައުސް އެއްގައި ހުއްޓައި ކަމަށާއި، އަނެއް މީހާ ހައްޔަރުކޮށްފައި ވަނީ މަގޫދޫ މަގުމަތިން ކަމަށެވެ. މިގޮތުން އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ހަތަރު ރަބަރު ޕެކެޓާއި 553 ކުޑަ ރަބަރު ޕެެކެޓު ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 48 ގުރާމު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިުރުކުރުމުން މުޙައްމަދު ނަޞޫޙް ނާޡިމް (21އ) ފަސްދުވަހަށް އަދި މުޙައްމަދު ތިބްޔާން ޝަހީން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.




