އާދިއްތަ, November 8
އެއާޕޯޓު ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 3.3 ބިލިއަން ލިބިއްޖެ

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ދައުލަތަށް 3.32 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ވުޒާރާއިން ނެރުނު "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ޑިޕާޗަރ ޓެކުހުގެ ގޮތުގައި އެކަނިވެސް 1.64 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.54 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 6.4 އިންސައްތައިގެ ކުރިއެރުމެކެވެ.

މީގެ އިތުރުން، މި މުއްދަތުގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.68 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.56 ބިލިއަން ރުފިޔާއެވެ. މިއީ 7.6 އިންސައްތަ އިތުރު އަދަދެކެވެ.

އެއާއެކު، މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 3.32 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 3.11 ބިލިއަން ރުފިޔާ ކަމުގައި، މިއީ 6.8 އިންސައްތަ އިތުރު އަދަދެކެވެ.

ޑިޕާޗާ ޓެކުސް ނަގަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ފަށާފައިވަނީ 2017 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުންނެވެ.

ޑިޕާޗާ ޓެކުހުން ބައެއް ފަރާތްތައް އިސްތިސްނާވެއެވެ. އޭގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ އިތުރުން، ދެ އަހަރުން ދަށުގެ ކުޑަކުދިން ހިމެނެއެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީން އިސްތިސްނާވަނީ ޑިޕްލޮމެޓިކް ފަރާތްތަކާއި، ޑިރެކްޓް ޓްރާންސިޓް ފަސިންޖަރުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު