މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކަނބަލުންނަށް އަމާޒްކޮށްގެން "މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ކަނބަލުންނަށް އަމާޒުކޮށްގެން ހިންގާ އިންޓާންޝިޕް ޕްރޮގްރާމް 2026" ފަށައިފިއެވެ.
މިއީ ފިޝަރީޒް މިނިސްޓްރީއާއި ވޯލްޑް ބޭންކުގެ "ޓްރާންސްފޯމް" ޕްރޮޖެކްޓުގެ އެހީގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. ފިޝަރީޒް މިނިސްޓްރީން ހާމަކުރާ ގޮތުގައި މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ މަހުގެ އުފެއްދުންތައް ތައްޔާރުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު މަތިކޮށް، އެ ފަރާތްތައް ބާރުވެރިކުރުވުމެވެ. އަދި މި ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކުން މަސައްކަތްކުރާ ގޮތުގެ އަމަލީ ތަޖުރިބާ މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ.
ފިޝަރީޒް މިނިސްޓްރީން ހާމަކުރި ގޮތުގައި މި އިންޓާންޝިޕް ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ޕްރޮގްރާމުގެ ފުރަތަމަ ބައި މި މަހުގެ 10 އިން 14 އަށް މާލޭގައި ކުރިއަށްދާނީ ތިއަރީ ސެޝަންތަކެއްގެ ގޮތުގައެވެ. ޕްރޮގްރާމުގެ ދެވަނަ ބައި ކުރިއަށްދާނީ 16 އިން 24 މޭ 2026 އަށް، ލ. މަންދޫގައި ގާއިމްކޮށްފައިވާ "ހޮރައިޒަން ފިޝަރީޒް" ގެ މަސް ބަންދުކުރާ ކާރުހާނާގައެވެ. މި ބައިގައި ބައިވެރިންނަށް އެ ކުންފުނީގެ ފަރާތުން މަސްވެރިކަމުގެ ސިނާއަތުގައި ކުރަމުންދާ މަސައްކަތްތަކުގެ އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި އަހަރުގެ ޕްރޮގްރާމުގައި ޖުމްލަ 4 ކަނބަލުން ބައިވެރިވެއެވެ.




