ވަރުބަލިވުމެއް، ފޫހިކަމެއް ނެތި ނަރުހުން އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މި ސަރުކާރުން ވަޒަންކުރާނެ ކަމަށާއި ނަރުހުންގެ އަޑުއަހައި، ފައިދާ ހުރި ކަންކަމަށް އިސްކަންދީގެން ފަހިކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ މެސެޖުގައެވެ.
އެކްސް މެދުވެރިކޮށް ހިއްސާކުރި މި ޕޯސްޓުގައި ރައީސް ވަނީ ނަރުހުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، އެ ފަރާތްތަކުގެ ދުޅަހެޔޮކަމާއި ފަންނީ އަދި އަމިއްލަ ކުރިއެރުމަށް އެއްބާރުލުން ދިނުމުގައި މި ސަރުކާރުން ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާފައިއެވެ.
ރައީސް ވިދާޅުވީ، ނަރުހުންގެ މަސައްކަތުގެ މާހައުލާއި އިނާޔަތްތައް ރަނގަޅުކުރުމަށާއި، ސިޔާސަތުތައް ހަރުދަނާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެމުންދާނެ ކަމަށެވެ. އަދި، ތަމުރީނުގެ ފުރުސަތުތައް ފުޅާކޮށް، މުސްތަގުބަލަށް ވަރުގަދަ ސިއްހީ ނިޒާމެއް ބިނާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"ނަރުހުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށާއި، އެ ފަރާތްތަކުގެ ފަންނީ އަދި އަމިއްލަ ކުރިއެރުމަށް މަގުފަހިކޮށްދީ، ދުޅަހެޔޮކަން އިސްކުރުމުގައި މި ސަރުކާރު ދެމިއޮންނާނެ. މީގެ އިތުރުން، މަސައްކަތުގެ މާހައުލާއި ލިބޭ ޢިނާޔަތްތައް ރަނގަޅުކުރުމަށާއި، ސިޔާސަތުތައް ހަރުދަނާކުރުމުގެ އިތުރުން، ތަމުރީނުގެ ފުރުސަތުތައް ފުޅާކޮށް، މުސްތަގުބަލަށް ވަރުގަދަ އަދި ހަރުދަނާ ސިއްހީ ނިޒާމެއް ބިނާކުރުމަށް ދަނީ އިސްކަންދެމުން،" ރައީސް ވިދާޅުވިއެވެ.
ނަރުހުންނަކީ ދެމެހެއްޓެނިވި ސިއްހީ ނިޒާމެއްގެ ބިންގާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ބަލިމީހުންނަށް ފަރުވާ ދިނުމާއި، ބަލިތަކުން ރައްކާތެރިވުމާއި، މުޖުތަމައުގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގައި ނަރުހުން އަދާކުރަނީ ކޮންމެހެން ބޭނުންތެރި މުހިންމު ދައުރެއް ކަމަށެވެ. ދުނިޔެއަށް ކުރިމަތިވަމުންދާ ސިއްހީ ގޮންޖެހުންތަކާ އެކު ނަރުހުންގެ ޚިދުމަތުގެ މުހިންމުކަން ކުރިއަށްވުރެ ބޮޑުވެފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަރުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ކުރިއެރުމަށް އިންވެސްޓްކުރުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަނީ ވިދާޅުވެފައެވެ.
އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވީ، ޞިއްޙީ ނިޒާމުގެ މައިބަދައަކީ ނަރުހުންކަން ޤަބޫލުކޮށް، ނަރުހުންގެ ސާބިތުކަމާއި ހުނަރުވެރިކަން ފާހަގަކޮށް އެކަން ބަލައިގަންނަން ޖެހޭކަމަށެވެ. ނަރުހުންގެ ވަރުބަލިކަމެއްނެތް ޚިދުމަތާއި އިޚްލާޞްތެރި މަސައްކަތުގެ ސަބަބުން، ކޮންމެ ދުވަހަކުވެސް ބަލިމީހުންނަށް އުފާވެރިކަމާއި، ޢާއިލާތަކަށް އުންމީދު، އަދި މުޖުތަމަޢަށް ދުޅަހެޔޮކަން ލިބިގެންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.




