ސުކޫކާއި ސްވޮޕް އަދި ލޯނުތައް ހިމެނޭހެން ރާއްޖޭން ދައްކަންޖެހޭ 974 މިލިޔަން ޑޮލަރު ދައްކާ ޚަލާސްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ސިލްސިލާކޮށް ބާއްވަމުންދާ ބައްދަލުވުމުގައި މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ.
ކުރީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިޔަން ޑޮލަރުގެ ލޯނުތަކުގެ ތެރެއިން 50 މިލިޔަން ޑޮލަރު މިއަދު ދައްކާފައިވާކަމަށް އެމަނިކުފާނު މިއަދު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުން 2019ވަނަ އަހަރު ތިން ފަހަރުމަތިން 150 މިލިޔަން ޑޮލަރުގެ ލޯނު، އިންޑިއާއިން ނެގި ކަމަށެވެ. އެ ލޯނުތައް ނުދައްކާ ރޯލްއޯވާ ކުރަމުންގޮސް މި ސަރުކާރަށް އެ ދަރަނި ވާރުތަވި ކަމަށާއި އޭގެ ތެރޭގައި މިހާތަނަށް 100 މިލިޔަން ޑޮލަރު ދައްކާ ނިމިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ލޯނުތަކުގެ ތެރެއިން 50 މިލިޔަން ޑޮލަރު އެމަނިކުފާނުގެ ސަރުކާރުން ދައްކާ ނިންމީ 7 ޖަނަވަރީ 2024ގައި ކަމަށެވެ. އަދި މޭ 11 އަށް 50 މިލިޔަން ޑޮލަރު ދައްކަން ހަމަޖެހިފައިވާތީ އެ ފައިސާވެސް މިހާރު ދައްކާ ޚަލާސްކުރައްވާފައިވާކަމަށް ވިދާޅުވިއެވެ. އަދި ބާކީ 30 މިލިޔަން ޑޮލަރު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 17ގައި ދައްކަންޖެހޭ ކަމަށާއި އެ ފައިސާވެސް ދައްކަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
"މިކަންކަން އަޅުގަނޑުމެން މިކުރަނީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި، ރައްޔިތުންގެ ބޮލުން ދަރަނި ފިލުވުމަށްޓަކައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައިވެސް އަޅުގަނޑުމެން މިގޮތަށް ރައްޔިތުންގެ ބޮލުގައި އަޅުވާފައިހުރި މިކަހަލަ ބޮޑެތި ދަރަނިތަކުން ރައްޔިޔުން ސަލާމަތް ކުރަމުން ގެންދާނަން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތުގެ މަތީ މަޤާމުތައް އަދާކުރައްވާފައިވާ ބޭފުޅުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށް އަދި ޤައުމާ ބެހޭގޮތުން ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށާއި ޤައުމުގެ އިޤްތިޞާދު ހަލާކުރުމަށް ހަޤީޤަތެއް އަދި އަސާސެއް ނެތް ވާހަކަތައް ދައްކަމުންދާތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެގޮތަށް އަމަލުނުކުރުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގަންނަވާފައެވެ.




