އާދިއްތަ, November 8
އަދަދު ނޫހުގެ ސީއީއޯ އާއި އެޑިޓަރުގެ މައްޗަށް ޤަޛުފުގެ ދައުވާ އުފުލައިފި

"އަދަދު" ނޫހުން ޝާއިޢުކުރި "އައިޝާ" ޑޮކިއުމަންޓަރީގެ މައްސަލައިގައި އެ ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ޙަސަން މުޙައްމަދުގެ މައްޗަށް ދައުލަތުން  ޤަޛުފުގެ ދައުވާ އުފުލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ތުހުމަތުތަކެއްކޮށް އުފައްދާފައިވާ މި ޑޮކިއުމަންޓަރީގެ މައްސަލައިގައި، އަދަދު ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ފިޔާޒާއި އެޑިޓަރު ޙަސަންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ޤަޛުފުގެ ކުށުގެ ދައުވާއެވެ. މި ދައުވާ އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގެ ދަށުންނެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ އާދިއްތަ ދުވަހު މި ދައުވާ ކޯޓަށް ހުށަހެޅިއިރު، ޝަރީޢަތް ނިމެންދެން ވަކި ގޮތަކަށް ޢަމަލުނުކުރުމުގެ އަމުރަކަށްވެސް ވަނީ އެދިފައެވެ. އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ޤާޟީ މުޒައްމިލް ނާޞިރު ސޮއިކުރައްވައި ނެރުއްވި އަމުރުގައި ވަނީ، މައްސަލަ ނިމެންދެން ވަކި ކަންތައްތަކެއް ނުކުރުމަށް އަންގަވާފައެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޤަޛްފުގެ ކުށަކީ އިސްލާމީ ޝަރީޢާގައި ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ، އަދި އިންސާނާގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމަށްޓަކައި ހަރުކަށި އަދަބު ކަނޑައަޅާފައިވާ ކަމެކެވެ. މީގެ އިތުރުން، ޤާނޫނު އަސާސީގެ 33 ވަނަ މާއްދާގެ ދަށުން ކޮންމެ މީހެއްގެ ނަމާއި އަބުރު ރައްކާތެރިވެފައި އޮތުމުގެ ޙައްޤު ކަށަވަރުކޮށްދޭއިރު، ޝަރުޢީ ކޯޓަކުން ކުށް ސާބިތުނުވާހާ ހިނދަކު އެމީހަކީ ކުށްވެރިއެއް ކަމަށް ނުބެލެވޭނެ ކަމަށްވެސް ކޯޓުން ފާހަގަކުރިއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި މައިގަނޑު ތިން ކަމަކަށް ވަނީ އަމުރުކޮށްފައެވެ:

  • ދައުވާ އުފުލާފައިވާ ހާދިސާއާ ގުޅޭ ވީޑިއޯ ޑޮކިއުމަންޓަރީ މުޖުތަމަޢުގެ ތެރޭގައި ދައުރުނުކުރުމަށާއި، އޭގައިވާ ވާހަކަތައް ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް ނުދެއްކުމަށް.
  • މިއީ އަޚްލާޤީ މިންގަނޑުތަކާ ގުޅުންހުރި މައްސަލައަކަށްވާތީ، މައްސަލައިގެ ލިޔެކިޔުންތަކާއި ޝަރީޢަތުގެ މަޢުލޫމާތުތައް ނުފެތުރުމަށް.
  • މި އަމުރާ ޚިލާފުވާ ކޮންމެ ޢަމަލަކީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް.

މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން މީގެ ކުރިން ވަނީ އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކޮށް، ފިޔާޒާއި ޙަސަންގެ ޕާސްޕޯޓުވެސް ހިފަހައްޓާފައެވެ. ކޯޓުން އިތުރަށް ބުނެފައިވަނީ ޖިނާއީ މައްސަލަތަކުގެ އަޑުއެހުންތަކަކީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ކަންކަން ކަމުގައިވީނަމަވެސް، މުޖުތަމަޢުގެ އަޚްލާޤީ އުސޫލުތައް ހިފެހެއްޓުމަށްޓަކައި މިފަދަ މައްސަލަތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު