އިންޓަނެޓާއި ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން އެކުދިން ސަލާމަތްކުރުމަށްޓަކައި، ބެލެނިވެރިންނާއި މުދައްރިސުން އައު ވިސްނުންތަކާއެކު މަސައްކަތްކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.
އެމަނިކުފާނުގެ ޚިޠާބުގައި ޒަމާނީ ތަޢުލީމާއި މުނިފޫހިފިލުވުމުގެ ފުރުޞަތު ފަހިކުރުމަށް ކުޑަކުދިންގެ އަތަށްދޭ ވަސީލަތްތަކުގެ ސަބަބުން ބައެއް ކުދިންނަށް އިޢާދަނުކުރެވޭ ބޮޑެތި ނުރައްކާ ކުރިމަތިވަމުން އަންނަކަމަށް އެމަނިކުފާނުގެ ޙިތާބުގައި ވިދާޅުވިއެވެ. އަދި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ގުޅިގެން މަސައްކަތްކުރުމަކީ މިއަދު ނުހަނު ބޭނުންތެރި ކަމެއްކަމުގައި ވިދާޅުވިއެވެ.
ހެދިބޮޑުވަމުން އަންނަ ވަރަކަށް، އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަން ޖެހޭ ޤައުމީ ޒިންމާއެއް ކަމުގައި ވެސް އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވިއެވެ. ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކުޑަކުދިންނަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި ފެންވަރު ރަނގަޅު ތަޢުލީމް ކަށަވަރުކޮށްދެއްވުމަށް ކަމަށް އެމަނިކުފާނުގެ ޚިތާބުގައި ވިދާޅުވިއެވެ. ދިވެހި ކޮންމެ ކުއްޖަކީ ސްކޫލް ސިސްޓަމްގެ ތެރެއިން ފުރުޞަތު ލިބިގެން ހެދިބޮޑުވަމުން އަންނަ ކުއްޖެއްކަން ސަރުކާރުން ދަނީ ކަށަވަރުކުރަމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުޑަކުދިންނަށް ދީނާއި ދުނިޔެވީ ކަންކަން އުނގަންނައިދީ، އެކުދިންނަކީ ޒިންމާދާރު ބަޔަކަށް ހެދުމަކީ އެކުދިންނަށް ދެވޭ ހަޤީޤީ ލޯބި ކަމަށާއި އެކުދިންގެ މަޢުޞޫމްކަމަށް އުނިކަން އަންނަ ފަދަ އެންމެހައި ކަންކަމުން ރައްކާތެރިކުރުމަކީ އެންމެންގެ ބޮލުގައި އެޅިފައިވާ މުހިންމު ޒިންމާއެއް ކަމަށް އެމަނިކުފާނުގެ ވިދާޅުވިއެވެ.
ކުޑަކުދިންގެ ދުވަހާ ގުޅިގެން، އެމަނިކުފާނު މީސްމީޑިއާގައި ޝާއިޢުކުރެއްވި މެސެޖެއްގަ ވަނީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ލޮބުވެތި ކުޑަކުދިންނަށާއި ޢާއިލާތަކަށް ފޮނުއްވާފައެވެ.
ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ ދިވެހި ލޮބުވެތި ކުޑަކުދިންނަށާއި ޢާއިލާތަކަށް މި އުފާވެރި ދުވަހުގެ ތަހުނިޔާ ފޮނުއްވާ މެސެޖެއް ހިއްސާކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި ވިދާޅުވީ ހެޔޮލަފާ ދަރީންތަކެއް ހެދި ބޮޑުވަމުންދާ ޤައުމެއްގެ މުސްތަޤްބަލާމެދު މާޔޫސްކަމެއް ނެތް ކަމަށެވެ. އަދި ކުޑަކުދީންނަށް އަޅައިލާ، އޯގާތެރިކަމާއެކު ޙިމާޔަތް ދެމުން ދާހައި ހިނދަކު ކުރިމަގަށް ކުރާ އުންމީދު ހަޤީޤަތަކަށް ވަމުންދާނެކަމަށް އެކަމަނާގެ މެސެޖުގައި ވިދާޅުވިއެވެ.




