Saturday, October 31
ޓެކްސީ އެޕް އަންނަ ހަފުތާގައި ބޭނުންކުރަން ފަށަނީ

އެމްޓީސީސީން ދެމުންގެންދާ ޓެކްސީ ލައިންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ މޯބައިލް އެޕްލިކޭޝަން، އަންނަ ހަފުތާގެ ތެރޭގައި އާންމުންނަށް ބޭނުންކުރަން ފެށޭނެ ކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ދަތުރުފަތުރާ ބެހޭ ވަޒީރު ސަޢީދު ވިދާޅުވީ އެމްޓީސީސީގެ ޓެކްސީ ލައިން އެޕްލިކޭޝަން މިހާރު އެޕަލް ސްޓޯރއިން އެޕްރޫވްކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެޕް ސްޓޯރއިން އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. މިވަގުތު މި ޚިދުމަތް ދެމުންދަނީ ވެބް ބޭސްޑް އެޕްލިކޭޝަނެއްގެ ޒަރިއްޔާއިން ކަމަށްވީ ނަމަވެސް، މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ސީދާ ބުކިން ހެދޭނެ އިންތިޒާމު ހަމަޖެހުމުން ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސަރުކާރުން މަސައްކަތް ކުރަނީ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް. ސަރުކާރަކުން ނޫން ކޮންމެ ބައެއް ފެށިއަސް ރަނގަޅު ކުރަން ހުންނަ ކަންތައްތައް ހުންނާނެ. އެކަންތައްތައް ރަނގަޅުކުރުމުގެ މަސައްކަތްތައް މިހާރު އެކުރަމުންދަނީ ވުޒާރާއާއި އެމްޓީސީސީން ގުޅިގެން. އެޕްލިކޭޝަންގެ ޒަރިއްޔާއިން ޚިދުމަތް ދޭން ފެށުމުން މައްސަލަތައް މަދުވެ، ޓްރަބަލް ފްރީ ޚިދުމަތެއް ލިބިގެންދާނެ." ވަޒީރު ވިދާޅުވިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޓެކްސީއަކަށް އެދި ގުޅާ ހިސާބުން ފެށިގެން ކާރު ލިބުމާ ހަމައަށް އެވްރެޖްކޮށް ހޭދަވަނީ 8 މިނެޓެވެ. އަދި ކޮންމެ ދަތުރެއްގެ ދިގުމިން އެވްރެޖްކޮށް 12.2 މިނެޓުގައި އުޅޭއިރު، ޚިދުމަތަށް އޮތް ޑިމާންޑް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެޕްރީލް 13 އިން 18 އަށް އެކަނިވެސް 11,128 ދަތުރު ކޮށްފައިވާކަން އެމްޓީސީސީން ފާހަގަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު