މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާ ގުގުރާނެ ކަމަށް ލަފާކޮށްފައިވާތީ ވިދާ ގުގުރުމުން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ދުރާލާ ތައްޔާރުވެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
މިގޮތުން އެންޑީއެމްއޭ އިން ވަނީ ހާމަ ތަންތަނާއި ޓެރެސް ފަދަ އުސް ތަންތަނުން ދުރުހެލުވުމަށާއި، އިމާރާތް ތެރޭގައި ތިބުމަށާއި، ބޭރުގައިނަމަ ވިއްސާރައިން ހިޔާވުމަށް އުސްތަންތަން ކައިރީ އަދި ގަސްދަށުގައި ނުތިބުމަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން އިލެކްޓްރޯނިކް ތަކެތި ކަރަންޓުން ނައްޓަލުމާއި އެތަކެތި ބޭނުންކުރުމުން ދުރުހެލިވެ، ފެންބޮޑުވެފައިވާ ސަރަހައްދުތަކާއި، ތެމިފައިވާ ތަކެއްޗާއި ދަގަނޑު ތަކެތިން ދުރުހެލިވުމަށްވެސް އެންޑީއެމްއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
އެންޑީއެމްއޭ އިން މިފަދައިން އިލްތިމާސްކޮށްފައިވާއިރު، މެޓް އޮފީހުން ވަނީ މިއަދު 09:10 އިން 13:00 އަށް ބާރަށް ގުގުރާނެ ކަމަށް ލަފާކޮށް ޅ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ.




