ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރަށް ދަތުރުނުކުރާ ނަމަ، އެ ފަރާތުގެ ކާޑު ރާއްޖެއިން ބޭރަށް ގެންގޮސްގެން އޭޓީއެމް އަދި ޕީއޯއެސްތަކުގައި ބޭނުންނުކުރެވޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.
މިއީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް ހަރުދަނާކޮށް، އެކަން ހަމަހަމަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އަޅަން ފެށި ފިޔަވަޅެކެވެ.
ބީއެމްއެލް އިން މިއަދު ހާމަކުރި ގޮތުގައި، މޯލްޑިވްސް އިމިގްރޭޝަނާއެކު ޤާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަނާއެކު، ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓް ދެން އެކްޓިވްވާނީ ހަމައެކަނި ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުންނަ ވަގުތުތަކުގައެވެ. މީގެ ސަބަބުން، ރާއްޖޭގައި ތިބޭ ފަރާތްތަކުގެ ކާޑު އެހެން މީހުން އަތަށް ދީގެން ރާއްޖެއިން ބޭރަށް ފޮނުވައިގެން ބޭނުންކުރުން ހުއްޓުމަކަށް އަންނާނެއެވެ.
ނަމަވެސް، ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ކުދިންގެ ތެރެއިން އަމިއްލަ ކާޑެއް ނެތުމުން ބެލެނިވެރިޔާގެ ކާޑު ބޭނުންކުރާ ކުދިންނަށް ބޭންކުން ވަނީ ލުޔެއް ދީފައެވެ. އެގޮތުން އެފަދަ ކުދިންނަށް ސްޓޫޑަންޓް ކާޑު ދޫކުރުމަށް ތިން މަސްދުވަހުގެ މުއްދަތެއް ދޭނެ ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ބެލެނިވެރިޔާގެ ކާޑު ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
އޮންލައިން ވިޔަފާރިތަކަށް ބަލާއިރު، ވިޔަފާރީގެ ބޭނުމަށް ބައެއް ފަރާތްތަކުން އަމިއްލަ ރުފިޔާ ކާޑު ބޭނުންކޮށްގެން ގިނަ އަދަދަކަށް މުދާ ގަންނާތީ، ބޭންކުން ވަނީ އީކޮމާސް ޓްރާންސެކްޝަންތަކަށް ވެސް ބަދަލުތަކެއް ގެނެސްފައެވެ. ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަހަކު 30 ޓްރާންސެކްޝަނަށް ވުރެ ގިނައިން އޮންލައިންކޮށް ވިޔަފާރިކުރަނީ ކަސްޓަމަރުންގެ އެންމެ ތިން އިންސައްތައަށް ވުރެ މަދު ބައެކެވެ. އެހެންކަމުން، ބޭރު ފައިސާ ހަމަހަމަކޮށް ބޭނުންކުރުމަށްޓަކައި، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭނެ ޓްރާންސެކްޝަންގެ އަދަދު މިހާރު ވަނީ 30 އަށް ކަނޑައަޅައިފައެވެ. އެހެންނަމަވެސް، އާންމު އިތުރު ބޭނުންތަކަށް ބޭނުންކުރާ ސައިޓުތަކަށް މިވަގުތު ބަދަލެއް ނުގެންނާނެއެވެ.
ބޭންކުން އިތުރަށް ބުނިގޮތުގައި، ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އެއްވެސް ލިމިޓެއް ނެތި ބޭނުންކުރެވޭނެއެވެ. އަދި އެކަކަށް ވުރެ ގިނަ ކްރެޑިޓް ކާޑު ގެންގުޅޭ ފަރާތްތަކުގެ އަތުން އަހަރީ ފީ ނަގާނީ ހަމައެކަނި އެއް ކާޑުން ކަމަށް ވެސް ވަނީ ނިންމައިފައެވެ.
ޓީޓީތަކާ ގުޅޭގޮތުން ގެނައި ބަދަލުގައި، ބޭންކު ހުޅުވިފައި ހުންނަ ގަޑިތަކުގައި ބޭރު ފައިސާ ގަނެވޭނެ ގޮތް ހަމަޖައްސައި، އެ ފައިސާ ޓީޓީއަށް ހަމަވާ ނަމަ، ބަންދު ދުވަސްތައް ހިމެނޭހެން ކޮންމެ ވަގުތެއްގައި ވެސް ޓީޓީ ފޮނުވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
މީގެ އިތުރުން، ޓީޓީތައް ސްޕްލިޓްކޮށްގެން ފޮނުވާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް ކަނޑައެޅިފައިވާ ލިމިޓުގެ ތެރެއިން ބޭރު ފައިސާ ވިއްކުމަށް ވެސް ބޭންކުން ވަނީ ނިންމައިފައެވެ.




