"ބިންވެރިޔާ" ޚާއްޞަ ސްކީމާ ގުޅޭ އުސޫލުގެ ކެޓަގަރީ 3 ގެ ދަށުން ފްލެޓަށާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މޭ މަހުގެ 10 ވަނަ ދުވަހު ހުޅުވާލަން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓުން ނިންމައިފިއެވެ.
"ބިންވެރިޔާ" ޚާއްޞަ ސްކީމްގެ ކެޓަގަރީ 3 ގެ ދަށުން ޕްރޮގުރާމު ހިންގުމަށްޓަކައި އުސޫލު ނަންބަރު: 13-ޖީ/2026 (އުސޫލު ނަންބަރު 4-ޖީ/2026، "ބިންވެރިޔާ" ޚާއްޞަ ސްކީމާ ގުޅޭ އުސޫލަށް 1 ވަނަ އިޞްލާޙު ގެނައުމުގެ އުސޫލު) ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފަވަނީ 29 އެޕްރީލް 2026 ގައެވެ.
މި އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ، 10 މޭ 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން 31 މޭ 2026 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ނިޔަލަށެވެ. މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.
ބިންވެރިޔާ ސްކީމްގެ ޚާއްސަ ކެޓެގަރީތައް
ކެޓަގަރީ 1: ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ މީހުން
ކެޓަގަރީ 2: ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު މީހުން
ކެޓަގަރީ 3: ބިންވެރިޔާ ސްކީމްގެ ދަށުން ލިބުނު ގޯތި ދޫކޮށް ފުލެޓަށް އެދޭ ސިންގަލް އެޕްލިކޭޝަނެއް ހުށަހެޅި މީހުން ނުވަތަ ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދޭ ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅި މީހުން




