އާދިއްތަ, November 8
ވަޒީރު ސަޢީދު، ޓެކްސީ ނަފާ ލޯނު ލިބުނު ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތައް އައްސަވައިފި

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު، "ޓެކްސީ ނަފާ" ލޯން ސްކީމްގެ ދަށުން ލޯނު ލިބިފައިވާ ބައެއް ފަރާތްތަކާ ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އައްސަވައިފިއެވެ.

މި ބައްދަލުކުރެއްވުމަކީ ސޯޝަލް މީޑިއާގައި ވަޒީރު ސަޢީދަށް އެޑްރެސްކޮށް ޝާއިޢުކުރި ސިޓީއަކާ ގުޅިގެން، އެ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ލޯނު ލިބުނު ފަރާތްތަކުގެ އިތުރުން، މި ދާއިރާގެ ކަމާގުޅުންހުރި އެހެނިހެން ފަރާތްތައް ވެސް ބައިވެރިވެފައިވެއެވެ.

ބައްދަލުވުމުގެ ތެރެއިން ވަޒީރު ވަނީ ޓެކްސީ ނަފާ ލޯން ސްކީމާ ގުޅިގެން އެ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކާއި ހުރި ކަންބޮޑުވުންތައް ވަރަށް ގާތުން އަޑުއައްސަވައިފައެވެ. އަދި މި މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން ދެފަރާތުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި، ކަންކަން ނިންމުމުގައި އަމަލުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ސަޢީދު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް، ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ހުރި މިފަދަ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށާއި، އެކަމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިނިސްޓްރީން އަބަދުވެސް ކުރަމުންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު