އާދިއްތަ, November 8
ނޫސްވެރިންނަށް ރައީސް އަދި ވަޒީރުންނާ ބައްދަލުކުރެއްވުމަށް ލިބޭ ފުރުޞަތުގެ ބޭނުން ހިއްޕެވުމަށް ވަޒީރު ޢަލީ ޝަރީފް ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ސަރުކާރުގެ ވަޒީރުންނާ ބައްދަލުކޮށް ސުވާލުކުރުމަށް ނޫސްވެރިންނަށް ލިބިފައިވާ ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިއްޕެވުމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ގޮވާލައްވައިފިއެވެ.

ވަޒީރު މިފަދައިން ގޮވާލައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިގޮތުން މި ނޫސްވެރިންގެ  ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ސަރުކާރުގެ އިސްވެރިންނާ ސުވާލުކޮށް، މަޢުލޫމާތު ސާފުކުރުމަށް ނޫސްވެރިންނަށް މިހާރު ފަހިކޮށްދީފައިވަނީ އެހެން އެއްވެސް ދާއިރާއެއްގެ ފަންނީ ބޭފުޅުންނަށް ލިބިފައިނުވާ ފަދަ "ރަން ފުރުޞަތެއް" ކަމަށެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވަނީ ނޫސްވެރިންނަށް ޚާއްޞަ އިސްކަމެއް ދެއްވައި، ސަރުކާރުގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ.

މިގޮތުން، ކޮންމެ ދުވަހަކުވެސް ކެބިނެޓް ވަޒީރަކާ ބައްދަލުކޮށް ސުވާލުކުރުމުގެ ފުރުޞަތު ނޫސްވެރިންނަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން، މަހަކު ހަތަރު ފަހަރު ސީދާ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް، ގައުމީ މުހިންމު ކަންކަމުގައި ސުވާލުކުރުމުގެ ޚާއްޞަ ފުރުޞަތު ހަމަޖައްސަވައިދެއްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ނޫސްވެރިންނަށް މެނުވީ އެހެން އެއްވެސް ފަންނެއްގެ ބަޔަކަށް ލިބިފައިނުވާ ފުރުޞަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޢަލީ ޝަރީފް އިތުރަށް ވިދާޅުވީ، ނޫސްވެރިންގެ ފަންނީ ގާބިލުކަން ބޭނުންކޮށްގެން، ގައުމު ބިނާކުރުމުގައި ބިނާކުރުވަނިވި ފާޑުކިޔުންތަކާއި ޚިޔާލުތައް ފޯރުކޮށްދިނުމަކީ ނޫސްވެރިންގެ ޒިންމާއެއް ކަމަށެވެ. އަދި ލިބިފައިވާ މި ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށާއި، ފަންނީ މިންގަނޑުތަކުގެ ތެރެއިން ސަރުކާރަށް ބިނާކުރުވަނިވި ފީޑްބެކް ދިނުމަށް އޭނާ ގޮވާލެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު