Saturday, October 31
ކާރިސާތަކުގައި ބޭނުންކުރާނެ 4.3 މިލިއަން ޑޮލަރުގެ އަގުހުރި އާލާތްތައް ޖަޕާނުން ހަދިޔާކޮށްފި

ކާރިސާތަކުން ރައްކާތެރިވުމަށާއި، ކާރިސާގެ ވަގުތުތަކުގައި ރެސްޕޮންޑް ކުރުމަށް ބޭނުންކުރާނެ 4.3 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އާލާތްތަކެއް ޖަޕާނު ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.

މިއީ ޖަޕާނު ސަރުކާރުގެ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ފޯރުކޮށްދިން އެހީއެކެވެ.

މި ތަކެތި ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ އިޝިގާމީ ރުމިކޯއެވެ. އެންޑީއެމްއޭގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ހިސާން ޙަސަނެވެ.

އެންޑީއެމްއޭ އިން ބުނީ މި އެހީގެ ދަށުން ލިބުނު އާލާތްތަކުގެ ސަބަބުން، ރާއްޖޭގައި ފެންބޮޑުވުމުގެ ހާދިސާތައް މެނޭޖްކުރުމަށާއި އަލިފާން ނިއްވުމުގެ މަސައްކަތްތަކަށް ބޭނުންވާ ގާބިލިއްޔަތު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. ޚާއްޞަކޮށް އަތޮޅުތެރޭގެ ރަށްރަށުގައި މިފަދަ ކާރިސާތަކަށް އިޖާބަދިނުމުގެ ފެންވަރު މަތިކުރުމަށް މި ތަކެތީގެ ސަބަބުން ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް އެންޑީއެމްއޭއިން މަޢުލޫމާތުދެއެވެ.

ޖަޕާނަކީ ރާއްޖޭގެ ތަރައްޤީއާއި ކާރިސާތަކުން ރައްކާތެރިވުމުގެ ދާއިރާއިން ޒަމާނުއްސުރެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެކެވެ. ރާއްޖޭގެ ކާރިސާތަކުން ރައްކާތެރިވުމުގެ ނިޒާމު ވަރުގަދަކުރުމަށް ޖަޕާނުން ދެއްވަމުން ގެންދަވާ މެދުކެނޑުމެއްނެތް އެހީތެރިކަމަށްޓަކައި، އެންޑީއެމްއޭއިން ވަނީ އެ ޤައުމުގެ ސަރުކާރަށް އިޚްލާޞްތެރި ޝުކުރެއް އަދާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު