ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމަށް، އެ އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި މިހާތަނަށް ހުންނެވި އިބްރާހީމް ނިޝާން އިބްރާހީމް މިއަދު އައްޔަންކުރައްވައިފިއެވެ.
މި މަގާމަށް ނިޝާން އައްޔަންކުރައްވާފައި މިވަނީ، ކުރިން އެ މަގާމުގައި ހުންނެވި މައިމޫނާ އަބޫބަކުރު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.
މައިމޫނާ ރިޓަޔާކުރެއްވުމާ ގުޅިގެން އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު ހޯދުމަށް ސިއްހަތާ ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ އިއުލާނުކޮށްފައެވެ.
އެޗްޕީއޭގެ އާ ޑިރެކްޓާ ޖެނެރަލްގެ މަގާމާ މިއަދު ހަވާލުވެވަޑައިގަތް ނިޝާން އަކީ އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި މިހާރުވެސް ހުންނެވި ބޭފުޅާއެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހިންގުމުގެ އެންމެ އިސް ޒިންމާ އޮންނަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތައް އިއުލާނުކުރުމާއި، އެފަދަ ހާލަތްތަކުގައި އާންމުންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމުގެ ބާރު ގާނޫނުން ދީފައިވަނީ މި މަގާމުގައި ހުންނަވާ ބޭފުޅަކަށެވެ.





